ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށްފަހު ފިލައިގެން ދިޔުމުގެ އެއްވެސް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ވިދާޅުވެއްޖެ އެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދިނުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާއި ގުޅިގެން ޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރި އެވެ.
ކޮމިޓީގެ ނިންމުމާ އެއް ގޮތަށް އިއްޔަ ހަވީރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ ވަނީ މަޖިލިސް ކޮމިޓީއަށް ހާޒިރުވެވަޑައިގެންފަ އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީންނަށް ވެސް ބޭނުންވާ ބޭސްފަރުވާ ހޯދައިދިނުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާތީ އަދީބަށް ވެސް ބޭނުންވާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދިނުމުން އެ ކަމުގެ ހުއްދަ ދޭން ސަރުކާރުން ނިންމީ ކަމަށެވެ. ނަމަވެސް އަދީބަކީ ބޮޑެތި ކުށްތަކަކަށް ތުހުމަތު ކުރެވޭ ފަރާތަކަށް ވުމުން އޭނާ އަނބުރާ ރާއްޖެ ގެނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ކަމަކީ އަހުމަދު އަދީބު އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށާއި އަދީބުގެ ބޭސްފަރުވާގެ ކަންކަން ނިމުމާއެކު އޭނާގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ފުލުހުންގެ އެޑްވާންސް ޓީމެއް އިންޑިއާއަށް ދާނެ ކަމަށާއި، އަދީބުގެ ދަތުރު ނިމެންދެން ފުލުހުންގެ ވެސް ތިން އޮފިސަރުންނާއެކު އަދީބާއެކު ހަތް މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ އަދީބުގެ ދަތުރާ ގުޅިގެން ހަމަޖައްސަން ޖެހޭ ހުރިހާ ސަލަމާތީ ކަންކަން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ ވިދާޅުވި ގޮތުގައި އަދީބަށް ޕާސްޕޯޓު ދުލެއް ނުކުރެ އެވެ. އަދި އަދީބަށް ދޫކުރީ އެއް އަހަރު ދުވަހުގެ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށާއި، އެ ޑޮކިއުމެންޓް މެދުވެރިކޮށް ދަތުރުކުރެވެނީ ވެސް ހަމައެކަނި އިންޑިއާއަށް ކަމަށެވެ. އެހެންކަމުން ބޭސްފަރުވާގެ ކަންކަމަށް ފަހު އަދީބަށް ފިލުމުގެ އެެއްވެސް ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީންކަން އިމިގްރާޝަނުންވެސް ވަނީ އަރުވާފައެވެ.