އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުންނެވެ. އެންމެންނަށްވެސް އެނގޭނެ ހަގީގަތަކީ އިންސާނުންނަކީ ކުށްކުރެވޭނެ ބައެއްކަމެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ގައިގައިވެސް އުނި ސިފަތައް ހުންނާނެއެވެ. އެކި މީހުން ކުރާނީ އެކި ކަހަލަ ކުށްތަކެވެ. ބައެއް މީހުން ގަސްތުގައި އެނގިހުރެ ބޮޑެތި ކުށްތަކަށް އަރައިގަންނަ އިރު، އެނެއްބައި މީހުންނަށް ނޭނގި ވެސް ކުށްތަކަށް އަރައިގަނެވޭ ފަހަރު އާދައެވެ. އެއްބައި މީހުންނަކީ އެމީހުންނަށް މާޒީގައި ކުރެވިފައިވާ ކުށްތަކުން ފިލާވަޅެއް ނަގައިގެން ދެވަނަ ފަހަރަށް އެކުށެއް ތަކުރާރު ނުކުރާ މީހުންނެވެ. އެއާއި ހިލާފަށް އަނެއްބައި މީހުންނަކީ، އެއްފަހަރު ކުރެވޭ ކުށެއް އެތައް ފަހަރަކު މަތިން ތަކުރާރު ކުރާ މީހުންނެވެ.
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން އިންސާނުންނަކީ އުނި ސިފަތަކެއް އެމީހުންގެ ގައިގައި ހުންނާނެ މީހުންނެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ކުށްކުރާނީވެސް އިންސާނުންނެވެ. މީހަކު ކުށެއް ކުރުމުގެ މާނައަކީ އެމީހަކު އެންމެންގެ ތެރެއަށް ބޭޒާރުކޮށްލާ ލަދުގަންނަވާލުމެއް ނޫނެވެ. ނުވަތަ އެމީހަކު އެކަހެރިކޮށްލާ އެކަނިވެރި ކޮށްލުމެއްވެސް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހަކަށް ކުށެއް ކުރެވުމުން، ތައުބާވެ އިސްލާހު ވުމުގެ ފުރުސަތު އޮންނަން ވާނެއެވެ. މީހަކު އެންމެ ފަހަރަކު ހިޔާރުކުރާ ނުބައި ގޯޅިއެއްގެ ސަބަބުން އޭނާ އުމުރު ދުވަހު ނުބައި ގޯޅިތައް އިހްތިޔާރުކުރާނެ ކަމަށް ގަބޫލު ކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.
އަޅުގަނޑުމެންނަށް ނޭނގުމެއްގެ ތެރޭގައި ނުވަތަ ގަސްތުގައި ވެސް ގޯސްކަމެއް ނުވަތަ ކުށެއް ކުރެވުމުން، އެކަން އެންމެންގެ ތެރޭގައި ބޭޒާރުވުމަށް ބޭނުންވާނެ ހެއްޔެވެ؟ ދިރިއުޅުމުގައި ކަށްޗަށް އެޅޭ އެންމެ ފިޔަވަޅެއްގެ ސަބަބުން މުޅި އުމުރު ދުވަހު މީހުންގެ މަލާމާތާއި ނަފްރަތާއި ކުރިމަތި ލާން ބޭނުންތޯއެވެ. އަޅުގަނޑުމެން ކުރާ ކުށްތައް އެންމެންގެ ތެރޭގައި ބޭޒާރުކޮށްލުމުން ދެރަވެ ލަދުގަންނާނެ ފަދައިން، އެހެން މީހުންނަށް ކުރެވޭ ކުށްތަކުގެ ސަބަބުން އެމީހުން އެންމެންގެ ތެރޭގައި ފަލީޙަތް ކުރާއިރު ހަމަ އަޅުގަނޑުމެން ފަދައިން އެމީހުންވެސް ލަދުގަންނާނެ ނޫން ތޯއެވެ.
ގަބޫލުުކުރަންޖެހޭ ހަގީގަތަކީ، އަޅުގަނޑުމެންނަށް ހެޔޮ އެދޭ ރަހުމަތްތެރިންނެއް މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ ގައިގައި ހުންނަ އުނި ސިފަތަކުގެ ވާހަކަ ކިޔައެއް ނޫޅޭނެއެވެ. އޭގެ ބަދަލުގައި ހެޔޮއެދޭ ރަނގަޅު ރައްޓެހިން، އަޅުގަނޑުމެންނަށް ވަކިން ނަސޭހަތްދީ އަމަލުތައް އިސްލާހު ކުރުމަށް މަސައްކަތް ކުރާނެއެވެ. އަޅުގަނޑުމެންވެސް އަބަދުވެސް ސަމާލުކަމެއް ދޭންވީ މީހަކަށް ކުށެއް ނުވަތަ ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ، އެމީހަކު އެންމެންގެ ތެރޭގައި ފަލީހަތް ކޮށްލުމުގެ ބަދަލުގައި އެކަނި ވަކިން ވާހަކަ ދައްކައިގެން އެމީހަކު އިސްލާހު ކުރުމަށެވެ. އިސްލާމު ދީނުގައިވެސް ބާރުއަޅާފައިވާ ގޮތަކީ އެއީއެވެ.
މީހަކު ކުށެއް ކޮށްގެން، އެމީހަކު އެންމެންގެ ތެރޭގައި ފަލީހަތް ކޮށްލުމުންވެސް އިސްލާހު ނުވެދާނެއެވެ. ނަމަވެސް އޭގެބަދަލުގައި އެކަހެރިކޮށް އެމީހާއަށް ވިސްނައިދީ އެއީ ގޯސްކަމެއް ކަން އަންގައިދިނުމުން އެމީހާއަށް އަމިއްލައަށް ވިސްނިގެންވެސް އުޅުން ރަނގަޅު ކޮށްފާނެއެވެ. އިސްލާމްދީނަކީ އެންމެ ލުއި ފަސޭހަ ދީނެވެ. އެންމެ އޯގާވެރިވަންތަ ދީނެވެ. އެހެން ކަމުން އަޅުގަނޑުމެން އަމިއްލަ އުނި ސިފަތައް ފޮރުވުމަށް މަސައްކަތް ކުރާ ބީދައިން އަޅުގަނޑުމެން ވާންޖެހޭނީ އަޅުގަނޑުމެންގެ އެކުވެރިން އަދި ގާތް މީހުންގެވެސް އުނިސިފަތައް ފޮރުވާ ބަޔަކަށެވެ. މީހަކު ކުށެއް ކުރުމުން އެންމެންގެ ތެރޭގައި ފަލީހަތް ނުކޮށް، އެކަހެރިކޮށް ނަސޭހަތް ދީ އިސްލާހުކުރަން މަސައްކަތް ކުރާ ބަޔަކަށެވެ.