ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ސީއެންއެމް އިން ރިޕޯޓު ކުރުމާއެކު އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ 77 މިލިއަން ރުފިޔާއަށް އަދީބު ހިޔާނާތްތެރިވި މައްސަލަ ހައިކޯޓުން ނިންމެވިއިރު އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ހުންނެވީ ޗުއްޓީގައި ކަމަށާއި އަދި އެމައްސަލައިގައި އަދީބު މިނިވަން ކުރުމަށްފަހު އިސް ފަނޑިޔާރު ޝުޖާއު އަނެއްކާވެސް ޗުއްޓީ ކުރިއަށް ގެންދެވި ކަމަށެވެ.
މީކާއިލް އެދިވަޑައިގެންނެވީ އެކަން ބެލުމަށެވެ. މީކާއިލް ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެކަމުގައި ފަނޑިޔާރުގެ އެއްވެސް ސުލޫކީ މައްސަލައެއް އުޅޭނަމަ އެކަން ވީއެންމެ އަވަހަކަށް ބެއްލެވުން އެދޭ ކަމަށެވެ.
އެކިއެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބުގެ ހުކުމްތައް ބާތިލް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ދީފައެވެ.