ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމުގައި ހުންނެވި މޫސާ ފާރިޝް އަޙްމަދު އިސްތިޢުފާ ދެއްވައިފި އެވެ.
ފާރިޝް އެ މަގާމުން އިސްތިއުފާ ދީފައިވާއިރު ދާދި ފަހުން ވަނީ ހައިކޯޓުގެ މަގާމަށް އައްޔަން ކުރުމުގައި އިޖުރާއަތްތައް ފުރިިހަމަ ކޮށްފައި ނުވާ ކަމަށް ބުނެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދާދި ފަހުން ފާރިޝް ވަކިކުރަން ނިންމާފައެވެ. ނަމަވެސް ސްޕްރީމް ކޯޓުން ނިންމާފައިވަނީ ފާރިޝް އެ މަގާމަށް ހޮވުމުގައި އިޖުރާޢަތްތައް ފުރިހަމަ ކަމަށެވެ.
ފާރިޝް މިއަދު ވިދާޅުވީ އިސްތިއުފާ ދެއްވީ، މަގާމަށް ހޮވުމުގައި މައްސަލައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުންނަށް ކުރާ އިހުތިރާމާއި ހައިކޯޓުގެ ފަނޑިޔާރުންގެ ހައިބަތަށް ހުތުރެއްވާން އެދިވަޑައި ނުގަންނަވާތީ ކަމަށެވެ. އަދި ޖުޑީޝަރީގެ ނަން ކިލަނބުވުމަށް ވެސް ބޭނުންފުޅުނުވާތީ ކަމަށެވެ.
ފާރިޝް ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވަނީ ބެޗްލާ އޮފް ލޯ އިން ޔުނިވަސިޓީ އޮފް ލަންޑަނުންނެވެ. މާސްޓަސް ފުރިހަމަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ސިޓީ ޔުނިވަރިސިޓީ އޮފް ލަންޑަނުން މާސްޓަ އޮފް ލޯސް އިން އިންޓަނޭޝަނަލް ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިންނެވެ.