ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހަށް ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލުގެ ބަހުސް ކުރިއަށްގެންދިއުމަށްފަހު، މަޖިލީހަށް ބިލް ބަލައިގަތުމާބެހޭގޮތުން ނެގި ވޯޓުގައި ބިލް ބަލައި ގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެެރިވި 79 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ގޮތްނޭނގޭ މަރުތަކާއި، ހިޔާނާތުގެ ގޮތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަލުން ހޯދުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބިދިނުމަށް ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުހަައްމަދު ރަޝީދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލު ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ. ނަމަވެސް އެއިރު އެ ބިލް ފާސްނުކޮށް މަޖިލީހުން މަޑުޖައްސާލީ ގާނޫނު އަސާސީއާއި ތައާރަޒުވާ މާއްދާތަކެއް ބިލުގައި ހުރުމުން ކަމަށް ބުނެއެވެ،
މި ބިލުގައި ވާގޮތުން ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަންތަކަށް ބޭނުން ކުރެވޭނެއެވެ.
މީގެއިތުރުން ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި، ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރުތަކަށް އެދުމުގެ ބާރު ވެސް މި ބިލުން ވަނީ ކޮމިޝަންތަކަށް ދީފައެވެ.
މި ބިލްގައި ބުނާގޮތުން ރިޔާސީ ކޮމިޝަންތައް އެކުލެވިގެން ވާނީ އެ ވަގުތަކު، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް ނުވަތަ މެމްބަރުންގެ މައްޗަށެވެ. އަދި ކޮމިޝަންތަކަށް މެމްބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަންތަކަށް މެމްބަރުން އިތުރު ކުރުމާއި މަދު ކުރުމުގެ ބާރުވެސް ދީފައިވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ.