އިންސާފާއި ހަމަހަމަކަމަކީ ވަކި އޮޑިއެއްގައި ތިބީމައި ލިބެން ޖެހޭ އެއްޗެއް ނޫން ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމު އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި، ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.
"އަޅުގަނޑުމެންނަށް ފެބުރުއަރީ މަހު ކުރާ ހުކުމް އެބަ ރަނގަޅުވޭ. މާރިޗް މަހު ކުރާ ހުކުމް ރަނގަޅު ނުވޭ. ނޮވެމްބަރު މަހު ކުރާ ހުކުމް ވަރަށް ރަނގަޅުވޭ. އަޅުގަނޑުމެންނަށް މިހެން މިފެންނަނީ، އަރައި ތިބޭ އޮޑިއެއްގެ ސަބަބުން ކަމަށްވަންޏާ އަޅުގަނޑުމެން މިދައްކާ އިންސާފާއި ހަމައާއި އަޅުގަނޑުމެން މި މިނާ މިންގަނޑު ކަމަކު ނުދޭ" ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އެބޭފުޅުން އަރައި ތިބޭ އޮޑިއެއްގައި ތިބެފައި، އެ ދައްކާ އިންސާފާއި ހަމައާއި ހައްގުވާ މިންވަރަކީ، ދިވެހި ރައްޔިތުންނަށް އިންސާފާއި ހަމައާއި ހައްގުވާ މިންވަރަކަށް ނުވާ ކަމަށެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ، މަޖިލީހުގައި މެމްބަރުން ހަދާ ބިލަކީ ވަކި މީހަކު ހައްޔަރުކުރަން ނުވަތަ ވަކި ބަޔަކު ހައްޔަރުކުރަން ހަދާ ބިލަކަށް ވެގެންނުވާނެ ކަމަށެވެ.