ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ އަހްމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާ އަށް ފޮނުވަން ނިންމީ އެމަނިކުފާނުގެ ބަލިހާލަތު ހުރި ގޮތުން ރާއްޖޭގައި ފަރުވާދެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބޮޑެތި ކުއްތަކެއްގެ ތުހުމަތުކުރެވޭ އަދީބު ބޭރަށް ފޮނުވަން ހުއްދަ ދީފައިވަނީ ހޯމް މިނިސްޓްރީގެ މެޑިކަލް ބޯޑުންނެވެ.
އެ ނިންމުމާއި ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން ލިބެން ނެތް ފަރުވާއެއް އަދީބަށް ދިނުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދީފައިވާ ކަމަށެވެ. އަދި ރާއްޖެއިންބޭރުން ސިއްހީ މާހިރަކު ގެނެސްގެން ވެސް ފަރުވާދެވޭތޯ މަސައްކަތް ކުރި ކަމަށާއި އެކަމަކު ބޭރަށް ފޮނުވުން ނޫން އިތުރު ގޮތެއް ނުފެނުނު ކަމަށް ހޯމް މިނިސްޓްރީންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަހުމަދު އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލަތަކަށް ފަރުވާ ދޭން މި ސަރުކާރުން ގެނައީ ގްލޮކޯމާ ސްޕެޝަލިސްޓެކެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި އަދީބު ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމުމާ އެކު ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށާއި، އެގޮތުން އެމަނިކުފާނާ އެކު ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވި ކަމުގައިވި ނަމަވެސް އަދުުލު އިންސާފު ޤާއިމްކުރުމަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.
ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އަށް މީގެ ކުރިން ވެސް އަދީބު އެކި ފަހަރުމަތިން އެދިވަޑައިގަތެވެ. ނަމަވެސް ތަފާތު ސަބަބުތައް ދައްކައި އެ ހުއްދައެއް އެއިރު ދީފައެއް ނުވެއެވެ.
ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. މިހާރު އަދީބު ތަންފީޒު ކުރައްވަމުން އަންނަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.