ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މުޅި ދައުލަތް ސިފަވެފައި އޮތީ މާފިޔާ ދައުލަތެއްގެ ގޮތުގައި ކަމަށް، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒު ފަހުމީ އެމޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު މަޖިލީހުގެ ޖަލްސާއަށް އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމާއި ގުޅޭ ގޮތުން، ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
"މިިދަޔަ ސަރުކާރު އޮތްއިރު، ސަރުކާރާއި މުޅި ދައުލަތް ބޮޑަށް ސިފަވެފައި އޮތީ މާފިޔާ ދައުލަތެއްގެ ގޮތުގައި. ސަރުކާރެއް ނޫނިއްޔާ ދައުލަތެއްގެ ސިފައަށްވުރެ ބޮޑަށް މާފިޔާގެ ސިފަ ޖެހިފައި އޮތީ." އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.
އިމްތިޔާޒު ފަހުމީ ވިދާޅުވީ އެހެން ސަރުކާރުތަކުގައި، ގައުމީ ސަލަމާތަށް ނުރައްކާތެރިވާ ކަންތައްތައް އަދި ޓެރެރިޒަމާއި ގުޅޭ ކަންތައްތައް ފެނިގެންދަނީ، ދީފާއި ބާރުތަކުގެ ހަތަރު ފާރުން ބޭރުގައި ކަމަށާއި ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އެކަންތައްތައް ފެނިގެންދިޔައީ ދިފާއީ ބާރުތަކުގެ ހަަތަރު ފާރުން އެތެރޭގައި ކަމަށެވެ.
"ދައުލަތެއް އޮންނަ ސަލާމަތީ ބާރުތަކުގެ އެ ހަތަރު ފާރުން ބޭރުން އާއްމުގޮތެއްގައި ޓެރެރިޒަމުގެ އަމަލުތައް އެމީހުންނާއި ކުރިމަތިވާނީ. އަޅުގަނޑުމެންނަށް މިދިޔަ ސަރުކާރު އޮތްއިރުގައި އެކަންކަން ކުރިމަތިވެފައި އޮތީ ސަލާމަތީ ހިދުމަތްތަކުގެ ހަތަރު ފާރުން އެތެރެއިން ބޮންތައް ފެންނަނީ، ބޮންތައް ބޭރުވަނީ، ބަޑިތައް ބޭރުވަނީ ކަނޑު އަޑިއަށް ދަނީ،. މި އަޅުގަނޑުމެންނަށް އޭރުގައި ދައުލަތް ސިފަވެފައިވާ ގޮތަކީ." އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު އިތުރަށް ވިދާޅުވީ، އެހެން ވެރިކަންތަކުގައި، ދައުލަތަށް ލިބޭ ފައިސާ އޮޑިޓް ކުރެވޭނެ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތަށް ލިބެމުންދިޔަ ފައިސާތައް ދަބަސްދަބަހުގައި ގެންދިޔައީ އެބޭފުޅާގެ ގެޔަށް ކަމަށެވެ.