ކޮންމެ އަހަރެއްގައިވެސް މުސްލިމުންނާއި ކުރިމަތިވާނެ އެންމެ މާތް އެއް މަހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބަރަކާތްތެރިވެގެންވާ ރަމަޟާން މަހެވެ. ރަމަޟާން މަހަކީ އަޅުކަމާއި ހެޔޮ އަމަލު ކުރުމުގައި އެހެން މަސްތަކަށްވުރެ ބޮޑަށް މަސައްކަތް ކުރާ މަހެކެވެ. އެމަހުގެ ދަރުމައާއި ޘަވާބު ހާޞިލުކުރަން ގަދައަޅައި އެތައް ބަޔަކު މަސައްކަތް ކުރެއެވެ. ރަމަޟާން މަހަކީ މިސްކިތްތައް ފުރިގެން ގޮސް، ބޭރުގައި ވެސް ސަފު ހަދައިގެން ނަމާދުގައި ބައިވެރިވާން ޖެހޭ ވަރަށް މީހުން މިސްކިތަށްދާ މަހެކެވެ. 

ބަރަކާތާއި މާތްކަމުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާއުކީ ފަހުން އަދި މިއުޅެނީ މަހެއް ނުވެގެންނެވެ. އެހެން އަހަރުތަކުގެ ރޯދަމަސް ފަދައިން މިއަހަރުގެ ރޯދަ މަހުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މަންޒަރަކީ މީހުންތަކުން މިސްކިތްތައް ފުރާލި މަންޒިލެވެ. ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ކަމުގައި ވިޔަސް، ޖަމާއަތަށް ހުރިހާ ނަމާދަކަށް މިސްކިތައް އަރާ މަންޒަރެވެ. ވަރަށްވެސް އުފާވާ މަންޒަރުތަކެވެ. އަޅުކަން ކުރުމުގައި، ފަރުވާކުޑަކުރުމާއި، ކަންނެތް ކަން ފެނިގެންދިޔައީ ވަރަށް މަދު މީހެއްގެ ކިބައިންނެވެ.

އެހެންނަމަވެސް، މިއަދު ނަމާދު ގަޑިތަކުގައި މާލޭގެ އަދި ރާއްޖޭގެ އެހެން ރަށެއްގެވެސް މިސްކިތެއް ކައިރިން ހިނގާލައިފިނަމަ ފެންނާނީ މުޅިން އެހެން މަންޒަރެކެވެ. ރޯދަމަހު އަޅުގަނޑުމެންނަށް މިސްކިތްތަކުން ފެނިގެންދިޔަ މަންޒަރެއް ނޫނެވެ. އެއާއި މުޅި ހިލާފު މަންޒަރެކެވެ. ރޯދަ މަހު، މީހުންތަކުން މިސްކިތް ފުރިގެން، މަގުތަކުގައި ސަފު ހަދައިގެން ނަމާދު ކުރަން ޖެހުނު މިސްކިތްތަކުގައި މިއަދު ދެތިން ސަފުވެސް ހަމަވަނީ މަދު ފަހަރެއްގައެވެ. ބައެއް މިސްކިތްތަކުގައި އެއް ސަފުވެސް ހަމަނުވެއެވެ. އެއީ ކިހިނެތްވާ ކަމެއް ބާވައެވެ؟ 

ރަމަޟާން މަހު މިސްކިތައް އަރާ މީހުން ގިނަވެ މިސްކިތައް ފުރިގެންދާ ބީދައިން، މިހާރު މިސްކިތްތައް ނުފުރެނީ ކީއްވެ ހެއްޔެވެ؟ ރަމަޟާން މަހު ކިތަންމެ ބުރަކޮށް އުޅެމުންވެސް، ޖަމާއަތަށް ނަމާދަށް މިސްކިތަށްދާ ފަދައިން މިއަދު ނުދެވެނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެން ހަމައެކަނި ނަމާދުކޮށް، އަޅުކަންކޮށް ހެޔޮ އަމަލު ކުރަން ޖެހެނީ ހަމައެކަނި، ރަމަޟާން މަހު އެކަނިތޯއެވެ؟ 

ރަމަޟާން މަހު ހުރިހާ ހިސާބެއްގެވެސް މިސްކިތްތަކަށް އޮންނަނީ ބަހާރު މޫސުމެއް އައިސްފައެވެ. ނުވަތަ މިސްކިތްތަކަށް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އޮންނަނީ މުޅިން އެހެން ކަހަލަ ދިރުމެއް ލިބިފައެވެ. ނަމަވެސް ހިތާމައަކީ، ރަމަޟާން މަސް ނިމޭއިރަށް، އެހެން މަންޒަރެއް ފެންނަން ފަށާތީއެވެ. މިސްކިތްތައް ފަޅުވެގެން ދާތީއެވެ. 

ގަދަކީރިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވީ ހަމައެކަނި ރަމަޟާން މަހު އަޅުކަން ކޮށް ހެޔޮ އަމަލު ކުރުމަކަށް ނޫނެވެ. އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވީ އަޖަލު ޖެހުމާއި ހަމައަށް މާތްﷲ އެންގެވި ގޮތަށް އުޅެ، އެކަލާނގެ ހަޟްރަތަށް އަޅުކަން ހާލިސްކުރުމުގައި ދެމި ތިބުމަށެވެ. ރޯދަ މަސް ހަދަންވީ، އަޅުގަނޑުމެން ހަމައެކަނި އަޅުކަން ކުރާ މައްސަރަކަށް ނޫނެވެ. ރަމަޟާން މަސް ހަދަންވީ އެހެން މަސްތަކަށް ވުރެ އިތުރަށް އަޅުކަން ކޮށް ހެޔޮ އަމަލު ކުރާ މަހަށެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެވެސް އަޒުމް ކަނޑައަޅަންވީ، ރަމަޟާން މަހު އަޅުކަން ކުރި ފަދައިން އެހެން މަސްތަކުގައި ވެސް އަޅުކަން ކުރުމަށެވެ. ރަމަޟާން މަސް ނިމުނު ކަމުގައިވި ނަމަވެސް މިސްކިތްތައް ފަޅުވިޔަ ނުދިނުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *