މިހާރު ފްރާންސްގައި ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން އެމެރިކާ އިން ތައިލެންޑް ކޮޅަށް ލަނޑުގޯންޏެއް އޮއްސާލައިފިއެވެ. މި މެޗުން އެމެރިކާ މޮޅުވީ 13-0 އިންނެވެ.
މިއީ އަންހެނުންގެ ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މެޗެވެ. މީގެކުރީން، ޖަރުމަނުން ވަނީ 2007 ވަނަ އަހަރުގެ މުބާރާތުގައި އާޖެންޓީނާގެ މައްޗަށް 11-0 އިން ކުރިހޯދައިފައެވެ. އެމެރިކާ އިން މީގެކުރީން ވަނީ 1991 ވަނަ އަހަރުގެ ވިމެންސް ވޯލްޑްކަޕްގައި ޗައިނީޒް ޓައިޕޭ އަތުން 7-0 އިން މޮޅުވެފައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިގެން އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމެރިކާއިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑު ކާމިޔާބުކުރިއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 މިނެޓުގެ ތެރޭގައި އެ ޓީމުން އިތުރު ހަތަރުލަނޑު ޖަހާފައެވެ. އެ ޓީމުން ކާމިޔާބުކުރި ފަހު ހަ ލަނޑުޖެހީ މެޗުގެ ފަހު 16 މިނެޓުގެތެރޭގައެވެ.
ރޭގެ މެޗުގައި އެމެރިކާގެ ލަނޑުތައް ޖަހައިދިނީ އަލެކްސް މޯގަން އާއި ރޯޒް ލަވެލް އާއި ސަމަންތާ މިއުވިސް އަދި ލިންޑްސޭ ހޯރަންގެ އިތުރުން މޭގަން ރަޕީނޯ އާއި މެލަރީ ޕަގް އަދި ކާލީ ލޮއިޑް އެވެ. އެ ޓީމުގެ އަލެކްސް މޯގަން ފަސްލަނޑުޖެހިއިރު ލަވެލް އާއި ސަމަންތާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެލަނޑުޖެހިއެވެ.