ދުނިޔޭގައި މި ވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކީ ބާސެލޯނާގެ ލިއޮނަލް މެސީ ކަމަށް ފޯބްސް މަޖައްލާ އިން ބުނެފިއެވެ.
ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާއްމުކުރަމުން އަންނަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 އެތުލީޓުންގެ ލިސްޓުގެ އެންމެ ކުރިއަށް މެސީ ޖެހިލީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހުގައެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި 127 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު މެސީ އަށް މި ލިސްޓުގެ އެއްވަނަ ލިބުނުއިރު ދެވަނައިގައި އުޅެނީ 109 މިލިއަން ޑޮލަރާއެކު ޔުވެންޓަސްގެ ފޯވާޑް ރޮނާލްޑޯ އެވެ. ތިންވަނައިގައި އުޅޭ ނޭމާ އަށް ވަނީ 105 މިލިއަން ޑޮލަރު ލިބިފައެވެ.
ފޯބްސް އިން މިދިޔަ އަހަރު ނެރުނު ލިސްޓުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނުކަމަށް ހާމަކުރި އެމެރިކާގެ ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ މިފަހަރުގެ ލިސްޓުގައި ނުހިމެނެއެވެ.
މި ލިސްޓުގެ ގަދަ 100 ހިމެނޭ ހަމައެކަނި އަންހެން އެތުލީޓަކީ އެމެރިކާގެ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އެވެ. އޭނާ އަށް އާމްދަނީގެ ގޮތުގައި 29.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މެސީ އަކީ ރޮނާލްޑޯ އަށްފަހު މި ލިސްޓުގެ އެއްވަނަ ހޯދީ ދެވަނަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މީގެއިތުރުން، މިއީ މި ލިސްޓުގެ ގަދަ 3 ގައި ފުޓްބޯޅަ ކުޅުންތެރިން ހިމެނުނު ފުރަތަމަ ފަހަރެވެ.
މި ލިސްޓުގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ އެމެރިކާގެ އެންބީއޭގައި ކުޅޭ ބާސްކެޓްބޯޅަ ކުޅުންތެރިންނެވެ. އެގޮތުން، އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 އެތުލީޓުންގެ ތެރޭގައި 35 ކުޅުންތެރިން ހިމެނެއެވެ. މި ލިސްޓުގެ ގަދަ 10 ގައި ހިމެނެނީ؛ 8 ވަނައިގައި އުޅޭ ލޮސް އެންޖެލަސް ލޭކާސްގެ ލެބްރޮން ޖޭމްސް (89 މިލިއަން ޑޮލަރު) އާއި 9 ވަނައިގައި އުޅޭ ގޯލްޑަން ސްޓޭޓް ވޯރިއާސްގެ ސްޓެފަން ކަރީ (79.8 މިލިއަން ޑޮލަރު) އަދި ކެވިން ޑުރާންޓް (65.4 މިލިއަން ޑޮލަރު) އެވެ.
މި ލިސްޓުގައި ހިމެނޭ އެތުލީޓުންގެ ތެރެއިން ޕްރިމިއާ ލީގުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިއަކީ 44 ވަނައިގައި އުޅޭ ޕައުލް ޕޮގްބާއެވެ. އޭނާ އަށް އާމްދަނީގެ ގޮތުގައި 25.9 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ފޯބްސް އިން ހާމަކުރި އެންމެބޮޑު އާމްދަނީއެއް ލިބޭ އެތުލީޓުންގެ ގަދަ 10:
- ލިއޮނަލް މެސީ (ފުޓްބޯޅަ) 127 މިލިއަން ޑޮލަރު
- ކްރިސްޓިއާނޯ ރޮނާލްޑޯ (ފުޓްބޯޅަ) 109 މިލިއަން ޑޮލަރު
- ނޭމާ (ފުޓްބޯޅަ) 105 މިލިއަން ޑޮލަރު
- ކަނޭލޯ އަލްވަރޭޒް (ބޮކްސިން) 94 މިލިއަން ޑޮލަރު
- ރޮޖާ ފެޑެރާ (ޓެނިސް) 93.4 މިލިއަން ޑޮލަރު
- ރަސެލް ވިލްސަން (އެންއެފްއެލް) 89.5 މިލިއަން ޑޮލަރު
- އާރޮން ރޮޖާސް (އެންއެފްއެލް) 89.3 މިލިއަން ޑޮލަރު
- ލެބްރޮން ޖޭމްސް (އެންބީއޭ) 89 މިލިއަން ޑޮލަރު
- ސްޓެފަން ކަރީ (އެންބީއޭ) 79.8 މިލިއަން ޑޮލަރު
- ކެވިން ޑުރާންޓް (އެންބީއޭ) 65.4 މިލިއަން ޑޮލަރު