މިއަހަރުގެ "ވޯލްޑް ލޯގޯ ކޮމްޕެޓިޝަން"ގެ ތިން ވަނަ ކެޓެގަރީގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފިއެވެ.
ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލް، އަފްގާނިސްތާން، ކެންޔާ، ބޫޓާން، ފިލިޕީންސް އަދި ލަންކާ ފަދަ ސަރަހައްދީ ބޮޑެތި ގައުމުތަކާއި ވާދަކޮށެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ހައްވާ ނައުޝާއެވެ.
ހައްވާ ނައުޝާއަކީ "އިސްދޫ ހެލްތް ސެންޓަރު"ގައި މަސައްކަތް ކުރަމުން އަންނަ އެސިސްޓެންޓް ލައިސެންސްޑް ނަރުހެކެވެ. ނައުޝާއަކީ އެ ހެލްތް ސެންޓަރުގައި މަސައްކަތް ކުރާ އެންމެ ހަގު ނަރުހެވެ. ނައުޝާ އިސްދޫ ހެލްތް ސެންޓަރުގައި ވަޒީފާ އަދާކުރަން ފެށީ އުމުރުން 18 އަހަރުގައެވެ.
އަދި އޭނާއަކީ ރީޖަނަލް އެލައިންސެސް ފޯރ ފޯސްޓަރިންގ ޔޫތު (ރަފީ)ގެ އިވެންޓް އޯގަނައިޒިންގ ކޮމެޓީގެ ކުރީގެ ވައިސް ޗެއަރއެކެވެ. ރަފީގައި އޭނާ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު ބޭއްވި ރަފީ ގާލާގައި ނައުޝާއަށް ވަނީ އެ ޖަމިއްޔާގެ އެންމެ އައުޓްސްޓޭންޑިންގ މެންބަރުކަން ލިބިފައެވެ. މީގެ އިތުރުން ނައުޝާއަކީ ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސަރުކާރު ހިއްސާ ނުވާ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓް ޔުނިއަން، އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ކުރީގެ މެންބަރެއްވެސް މެއެވެ.
ނައުޝާ ވަނީ 2018 ވަނަ އަހަރު ލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ޔޫތު ސަމިޓުގައި ރާއްޖެ ތަމްސީލްކޮށްފައެވެ. އަދި އޭނާއަކީ އެ ސަމިޓުގެ އެންމެ މޮޅު ފޮޓޯ ގްރަފަރ ވެސް މެއެވެެ. މިއާއި އެކު އިންޓަރނޭޝަނަލް ޔޫތު ކޮމެޓީގެ ސައުތު އޭޝިއާގެ މަންދޫބަކަށް ނައުޝާ ވަނީ ހަމަޖައްސައިފައެވެ.
ނައުޝާގެ މި ކާމިޔާބީއަަކީ ދިވެހި ތާރީހުގައި ލިޔެވިގެންދާނެ ބޮޑު ކާމިޔާބީއެކެވެ.