މިއަދު ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށި ނާސްތާ ޕްރޮގްރާމްގައި މައްސަލަ ޖެހުނީ ދެ ކްލާހެއްގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ، ނާސްތާ ޕްރޮގްރާމް ކުރިއަށް ދިޔަ ވަގުތު ބައެއް ކުދިން ބިންމަތީގައި ބައިތިއްބައިގެން ނާސްތާ ދޭ ފޮޓޯއެއް މީސްމީޑިއާގައި ވައިރަލް ވުމާއި ގުޅިގެންނެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެެއްވަމުން މިނިސްޓަރ ވިދާޅުވީ، މިއަދު ރާއްޖޭގެ އެކި ސްކޫލުތަކުން 57،000 ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފަށައިފައިވާ ކަމަށެވެ.
އަދި އެ ޕްރޮގްރާމްގެ ތެރެއިން މައްސަލަ ޖެހިގެން ޝަކުވާ ހުށަހަޅާފައިވަނީ ދެ ކްލާހަކުން ކަމަށާއި، އެ ކަމަށް ވަގުތުން އެޓެންޑްވެ، ފިޔަވަޅު އަޅާފައިވާ ކަމަށްވެސް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރިވަރުންގެ ސާފުތާހިރުކަމަށާއި ރައްކާތެރިކަމަށް އެ މިނިސްޓްރީން ހާއްސަ އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމަށެވެ.
"އެންމެ އިސްކަމެއްދެނީ ދަރިވަރުންގެ ސާފުތާހިރުކަމާއި، ދަރިވަރުންގެ ރައްކާތެރިކަމަށް" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ސަރުކާރު ބަދުނާމު ކުރުމަށް ބަޔަކު މީހުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.