ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީއެއް ދޭން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު، އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ނާވަރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެމްބަރު، ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތް ބިދޭސީ އިންވެސްޓަރުންގެ އަތް ދަށަށް ގޮސްފައިވާ ކަމަށާއި ހަމަ އެ ފަދައިން ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ރަށު ގެސްޓްހައުސް ވިޔަފާރިތައް ވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.
ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ދަށުން މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް އަދި ތަންފިޒު ކުރަމުން ނުގެންދާތީ ސޮވަރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތް ދޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ކުރީގެ މަޖިލިހުން ގެނައި އިސްލާހު، ރައީސް ތަސްދީގު ނުކުރައްވައި މަޖިލިހަށް ފޮނުއްވުމާ ގުޅިގެން އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަސައްކަތްޕުޅު ކުރައްވަންވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ. އަދި އަވައްޓެރި ގައުމުތަކަށް ރާއްޖެ ދަރަމުން އަންނަ ކަމަށް ވިދާޅުވެ، ޖާބިރު މިސާލު ނެންގެވީ ރާއްޖެ އާއި އިންޑިއާ އިން ދާދި ފަހުން ގާއިމްކުރި އެމްއޯޔޫތަކަށެވެ.