ނާސްތާ ޕްރޮގްރާމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ލިބުނު ފަހި ފުރުޞަތެއް ކަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު ހެނދުނު ތާޖުއްދީން ސުކޫލުގައި ބޭއްވުނު، ރާޢްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ދަރިވަރުންނަށް ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ، އެ ފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުޞަތު އެކަނި ނޫން ކަމަށާއި އަދި، އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިޙްތިރާމު ކުރުމާއި، އެހެންމީހުންގެ ޙައްޤުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.