ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް ކަމުދާ ފުޓްބޯޅަ ވީޑިއޯ ގޭމްގެ ދެން އެންމެ އަވަހަށް ނެރުމަށް ތައްޔާރުވަމުން އަންނަ "ފީފާ 20" ގައި މުޅީން އަލަށް ސްޓްރީޓް ފުޓްބޯޅަ އަށް ހާއްސަ "ވޮލްޓާ" ގެ ނަމުން ނަންދީފައިވާ ސްޓޯރީ މޯޑް ހިމަނާފައިވާކަން އީއޭ ސްޕޯޓްސް އިން ކަށަވަރުކޮށްދީފިއެވެ.
އެގޮތުން، ކުރިއަށް އޮތް ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ އީ3 ގެ ކުރީން "ފީފާ 20" އައު ގޭމްގެ ސްޓްރީޓް ފުޓްބޯޅަ އަށް ހާއްސަ މޯޑް "ވޮލްޓާ" ދައްކުވައިދޭ ޓްރެއިލާއެއް އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން ވަނީ ރިލީޒްކޮށްފައެވެ.
ގޭމް ކުޅޭ ފަރާތްތަކަށް، އެމީހަކު ބޭނުންވާ ސިފަތައް ހިމަނައިގެން އަންހެން އަދި ފިރހެން ކުޅުންތެރިންގެ ކެރެކްޓާ ބިނާކުރެވޭނެކަމަށް ފީފާ ޕަބްލިޝާ ވަނީ ބުނެފައެވެ. އެގޮތުން، ބޭނުންވާ ކޮންމެ ކުލައެއްގެ ހެދުމަކާއި، ބޮލުގެ ތަފާތު އެކި ސްޓައިލްތަކުގެ އިތުރުން ބޭނުން ވައްތަރެއްގެ ޓެޓޫ ވެސް ތައްޔާރުކުރެވޭނެއެވެ.
މި ގޭމް ގައި ތްރީ ވާސަސް ތްރީ ރަޝް (ގޯލްކީޕަރާއި ނުލައި) އާއި ފޯރ ވާސަސް ފޯރ، ފޯރ ވާސަސް ފޯރ ރަޝް (ކީޕަރާއި ނުލައި) އަދި ފައިވް ވާސަސް ފައިވްގެ އިތުރުން ޕްރޮފެޝަނަލް ފުޓްސަލް އަށް ހާއްސަ މޯޑްވެސް ހިމަނާފައިވެއެވެ.
އަދި މި ގޭމްގައި ހިމަނާފައިވާ އިތުރު ފީޗާސްތަކުގެ ތެރޭގައި، ފުޓްސަލްގެ ސްކޮޑެއް ބިނާކުރެވުމާއި އޭގެތެރެއިން ވަކި ކުޅުންތެރިއަކަށް ހާއްސާވެ، ސްޓޯރީ މޯޑްގައި އެ ކުޅުންތެރިއެއްގެ ކެރިއަރު ދަނޑުމަތީގައި އާއި ދަނޑުންބޭރުގައި ތަރައްގީ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެއިތުރުން، އޮންލައިން މޯޑްގައި، މަގުތަކުގައި ސްޓްރީޓް ފުޓްބޯޅަ ކުޅުމުގެ ފުރުޞަތުލިބުމާއި ވޮލްޓާ ލީގުގައި ޕްރޮމޯޝަން އަދި ރެލިގޭޝަން މެޗުތައް ކުޅެވޭނެއެވެ.
އީއޭ އިން މީގެކުރީން، "ފީފާ 17" ގައި މުޅީން އަލަށް ފުޓްބޯޅައިގެ ސްޓޯރީ މޯޑް އެ އަހަރުގެ ގޭމްގައި ވަނީ ހިމަނާފައެވެ. "ދަ ޖާނީ" ގެ ނަންދީފައިވާ ސްޓޯރީ މޯޑްގައި އެލެކްސް ހަންޓާ ނަމަކަށް ކިޔާ ފުޓްބޯޅަ ކުޅުންތެރިއެއްގެ ކެރިއަރު ބިނާކުރެވޭނެއެވެ. އީއޭ ގޭމްސް އިން އޭގެ ފަހުން ނެރުނު "ފީފާ 18" އާއި "ފީފާ 19" ގައިވެސް ހަންޓާގެ ކެރިއަރު ދައްކުވައިދީ އިތުރަށް ކުރިއަށްގެންގޮސްފައިވެއެވެ.
މިފަހަރުގެ ގޭމްގައި ހިމަނާފައިވާ ސްޓްރީޓް ފުޓްބޯޅައިގެ ސްޓޯރީ މޯޑް "ވޮލްޓާ" ގިނަބަޔަކަށް ކަމުދާނެ ސަބަބުތަކުގެ ތެރޭގައި، ޕްރޮފެޝަނަލް ހަގީގީ ކްލަބްތައް ނަގައިގެން ކުޅެވުމާއި، ލިއޮނަލް މެސީ އާއި ނޭމާގެ ކަހަލަ ކުޅުންތެރިން ނަގައިގެން ކުޅެވުން ހިމެނެއެވެ.
އަންނަ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ފީފާ 20" ގެ ވޮލްޓާ އެޑިޝަން ހާއްސަކޮށްފައިވަނީ ޕްލޭ ސްޓޭޝަން 4 އާއި އެކްސްބޮކްސް ވަން އަދި ޕީސީ އަށެވެ. ނިންޓެންޑޯ ސްވިޗް ގެންގުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވަނީ ލެގަސީ އެޑިޝަން އެވެ.