އައްޑޫގައި ބާއްވާ އުރީދޫ ކަލަރ ރަން ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި އިވެންޓްގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އުރީދޫ ކަލަރަން އައްޑޫގައި އުމުރުން ހަ އަަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަން އައްޑޫގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ކަލަރ ރަން އައްޑޫގެ ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ކަލަރ ރަން އައްޑޫ ޓީޝާޓް ހިމެނޭ އިރު އަގަކީ 85 ރުފިޔާއެވެ. 150 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ކަލަރ ރަން އައްޑޫ ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ކަރުދާސް ތޮތްޕަކާއި ފޮތި ދަބަހެއް ހިމެނިފައިވެއެވެ.
މި މަހުގެ 28 ވަނަ ދުވަހު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރަން އައްޑޫގައި ބާއްވަނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެންނެވެ. މިފަހަރުގެ ކަލަރ ރަންގައިވެސް އިވެންޓް އޯގަނައިޒަރ އަކީ ޔުނިކްސް ސްޕޯޓިންގ އެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން އައްޑޫ ގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވައެވެ.
މި ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށާއި، ދުވުމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ooredoo.mv އަދި އުރީދޫ މޯލްޑިވްސް މީސް މީޑިއާ ފޭޖުތަކަށް ޒިޔާރަތްކޮށްގެން އެ މައުލޫމާތުތައް ލިބެން ހުންނާނެއެވެ.