އިންޑިއާއާއި ސްރިލަންކާގެ މެދުގައި އޮތީ، ނުގުޑާނެ ފަދަ ވަރުގަދަ އިތުބާރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ނަރެންދްރަ މޯދީ އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، އިއްޔެ ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ އިސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯދީ ލަންކާއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި ވިދާޅުވީ، އަވައްޓެރި ގައުމުތަކާއި އެކުވެރި ގައުމުތަކުގެ އެންމެ އިސް އެއް ޒިންމާއަކީ އެއްގައުމު އަނެއް ގައުމު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މޯދީ ލަންކާއަށް ކުރެއްވި ޒިޔާރަތުގައި، އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޯދީގެ ޒިޔާރަތަކީ، ދެގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ތެދުވެރިކަމާއި ބާރުވެރިކަމުގެ އަލިގަދަ މީސާލެއް ކަމަށެވެ. އަދި، މޯދީގެ ޒިޔާރަތުގެ ސަބަބުން ލަންކާގެ އިގްތިޞާދާއި، އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ލިބުނު އިތުރު ހިތްވަރަކާއި އެހީއެއް ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ލަންކާއަށް ކުރެއްވި ޒިޔާރަތުގައި ވަނީ، ލަންކާގެ ރައީސްއާއި އެކު ދެގައުމުގެ ތަރައްގީއާއި ގުޅޭގޮތުން ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ނަރެންދްރަ މޯދީއަކީ ލަންކާއަށް މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަހު ޒިޔާރަތް ކުރި ފުރަތަމަ ގައުމެއްގެ އިސްވެރިޔާއެވެ.