ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެެވެ.
ގުރައީދު ދާއިރާގެ މެމްބަރު ރިޒާ ހުވާކުރެއްވީ، އެބޭފުޅާ ހުވާކުރެއްވުމަށް މިއަދު ހެނދުނު، މަޖިލިސް ކުރާ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މެމްބަރު ރިޒާއަށް މަޖިލިސް މެމްބަރު ކަމުގެ ހުވާ ލައިދެއްވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު، ރިޒާ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
19 ވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ބޭއްވިއިރު ރިޒާ އޭރު ހުންނެވީ އުމްރާއަކަށް ވަޑައިގެންނެވެ. އެހެންކަމުން އޭނާއަށް މެމްބަރު ކަމުގެ ހުވާ އޭރު ކުރެވިފައެއްނުވެއެވެ.
ގުރައިދޫ މެމްބަރު އިބްރާހިމް ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.