ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ ބޫމީ ޕަޑްނޭކަރު އަދި ވިކީ ކޯޝަލް، އެކީގައި ކުޅެން އުޅޭ ފިލްމުގެ ނަމަކީ "ބޫތް" ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ ބޮލީވުޑްގެ ހަބަރުތައް ފަތުރާ ނޫހެއްކަމަށްވާ "ޕިންކް ވިލާ"އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، އެ ދެ ތަރިން އެކީ ފެނިގެންދާ ފިލްމުގެ ނަމަކީ "ބޫތް"އެވެ. މިކަން އަދި ފިލްމުގެ ޓީމުން ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ބޫމީ ޕަޑްނޭކަރު އަދި ވިކީ ކޯޝަލް، ސްކްރީނުން އެކީ ފެނިގެންދާ ފިލުމަށް އެފިލްމު ވެފައިވާއިރު، އެ ފިލްމު ޑައިރެކްޓްކުރަނީ ބަނޫ ޕްރަތާޕް ސިންގްއެވެ. އަދި އެ ފިލްމު ޕްރޮޑިއުސް ކުރަނީ، ކަރަން ޖޯހަރު އަދި ޝަޝަންކް ކައިތަންއެވެ.
ފިލްމުގެ ޑައިރެކްޝަން ޓީމުން ނިންމާފައިވަނީ، "ބޫތް" އެކި ބައިތަކަށް ބަހައިގެން ސިލްސިލާ ފިލުމެއްގެ ގޮތުގައި ގެނެސްދިނުމަށެވެ.
ބަައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އެ ފިލްމަކީ ހަގީގީ ހަދިސާއެއްގެ މައްޗަށް ބިނާ ކޮށްގެން އުފައްދާ ބިރުވެރި ފިލްމެކެވެ.