ޔުއެފާ އިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ރޭ ނެދަލޭންޑްސް އަތުން 1-0 އިން މޮޅުވެ ޕޯޗުގަލް ތަށި އުފުލާލައިފިއެވެ.
މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޕޯޗުގަލުން ކާމިޔާބުކުރި ދެވަނަ ތައްޓެވެ. އެންމެފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ ފައިނަލްގައި 1-0 އިން ފްރާންސް ބަލިކޮށްފައެވެ.
ރޭގެ މެޗާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ ގައުމީ ޓީމާ އެކު މިހާތަނަށް ނިކުތް ތިން ފައިނަލްގެ ތެރެއިން ދެ މުބާރާތް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ އެންމެ ފުރަތަމަ ނުކުތީ އެ ގައުމުގައި 2004 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށެވެ. އެ ފަހަރު ފައިނަލުގައި ގްރީސް އަތުން ޕޯޗުގަލް ބަލިވިނަމަވެސް 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއެވެ.
ރޭގެ މެޗަށް ނިކުތްއިރު މި ދެ ޓީމު އެންމެފަހުން މިދިޔަ އަހަރުގެ މާރިޗް މަހުގައި ކުޅެވުނު އެކުވެރިކަމުގެ މެޗު ނެދަލޭންޑްސް އިން ކާމިޔާބުކުރީ 3-0 އިންނެވެ.
ޕޯޓޯގެ އެސްޓާޑިއޯ ޑޮ ޑްރަގާއޯގައި ކުޅުނު މި މެޗުގައި ނެދަލޭންޑްސް އިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާތައް އުފައްދާފައިވަނީ ޕޯޗުގަލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނެދަލޭންޑްސް އަށް ޕޯޗުގަލްގެ ގޯލަށް ނުރައްކާކުރެވިފައެއްނުވެއެވެ.
ނަމަވެސް، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް އާއި ހޯސޭ ފޮންޓޭ އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ އެ ޓީމަށް ލީޑް ނަގައިިދިނުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. މި ތިން ކުޅުންތެރިން ފޮނުވާލި ހަމަލާތައް ނެދަލޭންޑްސް ގޯލްކީޕަރު ޔެސްޕާ ސިލެސަން މަތަކުރިއެވެ. މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެންވެސް ޕޯޗުގަލް އިން ދިޔައީ ނެދަލޭންޑްސްގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި ވެލެންސިއާގެ ވިންގާ ގޮންކާލޯ ގުއޭޑޭޝް ވަނީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޕޯޗުގަލް އަށް ލީޑްނަގައިދީފައެވެ. މިއީ އެ ޓީމުގެ ބެނާޑޯ ސިލްވާ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ގުއޭޑޭޝް ވަނީ ޕޯޗުގަލް މިހާތަނަށް ކުޅެދިން 17 މެޗުގައި ހަތަރު ގޯލް ޖަހާފައެވެ.
އޭގެ ފަސް މިނެޓުފަހުން، ނެދަލޭންޑްސް އަށް އެއްވަރުކޮށްދިނުމަށް މެމްފިސް ޑިޕާއީ އަށް ލިބުނު ފުރުޞަތުވީ ބޭކާރެވެ. އެ ޓީމުގެ ޑޮނީ ވެން ޑެ ބީކް ނަގައިދިން ހުރަހަކުން ޑިޕާއީ ބޮލުން ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއެވެ.
އޭގެފަހުން، ޕޯޗުގަލްގެ ލީޑް ފުޅާކުރުމަށް ބްރޫނޯ ފެނާންޑޭޒް އާއި ނެލްސަން ސެމޭޑޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސިލެސަން އެވެ.
މި ހާފުގައި ނެދަލޭންޑްސް އަށް އެއްވަރުކޮށްދިނުމަށް މާޓެން ޑެ ރޫން އާއި ލޫކް ޑި ޔޮން އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއްނުހިފުނެވެ. މި މެޗުން ބަލިވުމާއެކު ނެދަލޭންޑްސް އިން ވަނީ އެންމެފަހުން ކުޅުނު ފަސް ފައިނަލްގެ ތެރެއިން ހަތަރު ފަހަރު ނާކާމިޔާބާއި ކުރިމަތިލާންޖެހިފައެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިން އިރު، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޯޗުގަލް ބެނާޑޯ ސިލްވާ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ނެދަލޭންޑްސްގެ ފްރެންކީ ޑި ޔޮން އެވެ.