އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް އިއްޔެ ކުރެއްވި ރަސްމީ ޒިޔާރަތުގެ ސަބަބުން، ރާއްޖެ އިތުރަށްވީ ދަރަނިވެރި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޯދީ ރާއްޖެއަށް ކުރި ޒިޔާރަތުން މި ގައުމުގެ ތަރައްގީއަށް އެއްވެސް ހިއްސާއެއް ލިބިފައިނުވާ ކަމަށާއި، އަދި މޯދީގެ ދަތުރުފުޅުގެ ސަބަބުން ދިވެހި ގައުމު އިތުރަށްވީ ދަރަނިވެރިކަމަށެވެ.
އަދި އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ސަރުކާރުން، ރާއްޖޭގެ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށާއި، ތަރައްޤީ ގެނައުމަށް، ގައުމުގެ މިނިވަންކަމަށް ގެއްލުންވާ ވަރަށް އިގްތިޞާދީ ގޮތުން އެހެން ގައުމަތަކަށް ބަރޯސާވީ ވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
ޕީޕީއެމުން ބުނީ ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ އެއްބަޔަކު ނުވަތަ އެއް ގައުމަކުން ބޭނުންވާހާ ގޮތަކަށް ކަންކަން ދީލާލުން ނޫން ކަމަށެވެ. އަދި ޒަމާނުއްސުރެ ގައުމުގައި ހިފަހައްޓާފައި ހުންނަ ކަންކަން ދޫކޮށް ގައުމުގެ ކަންކަން ނިންމުމުގައި ބަސް ނުބުނެވޭ މިންވަރަށް ގައުމު ބަލިކަށި ވުމަކީ ގައުމު އެހެން ބަޔަކަށް އަޅުދާސްވުން ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.
މީގެއިތުރުން ޕީޕީއެމްގެ ބަޔާނުގައި ވަނީ ރާއްޖެ އާއި އިންޑިޔާއާ ދެމެދު ގާއިމުކުރަން އެއްބަސްވެވުނު، ފެރީގެ ހިދުމަތުގެ އެއްބަސްވުމަކީ އެއްވެސް ކަހަލަ ދިރާސާއެއް ނުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށްވެސް ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުތައް ސާވޭ ކުރުމަށް އިންޑިޔާ ސަރުކާރުން އެހީ ހޯދުމާ ބެހޭ އެއްބަސްވުމަކީ ރާއްޖޭގެ އެންމެ ހައްސާސް އަދި އެންމެ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ޓެރިޓޯރިއަލް މައުލޫމާތުތައް އެހެން ގައުމަކާ ހިއްސާކުރެވޭ ގޮތަށް ކޮށްފައިވާ އެއްބަސްވުމެއް ކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ.