ދާދިފަހުން ބްރެޒިލްގެ ތަރި ނޭމާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އޮޕަރޭޝަން ކުރަން ނުޖެހޭކަމަށް އޭނާގެ ކްލަބު ޕީއެސްޖީއިން ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ، ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. އެ މެޗުގެ ކުރީކޮޅު ނޭމާގެ ކަނާތުފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.

ޕީއެސްޖީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ އެ ކްލަބުގެ މެޑިކަލް ޓީމުގައި ހިމެނޭ ޑރ. ލޯރަން އައުމޮންޓް އާއި ޖެރަޑް ސެއިލަންޓް ހެދި ޓެސްޓްތަކަށްފަހު ނޭމާގެ ކަނާތު ފައިގެ ކުޑަ ހުޅުގެ އޮޕަރޭޝަނެއް ނުކޮށް ބަރާބަރު ހަތަރު ހަފްތާގެ ތެރޭގައި އަނިޔާއިން ރަނގަޅުވާނެކަމުގެ ޔަގީންކަންދީފައިވާކަމަށެވެ.

"ރިހެބިލިޓޭޝަނުގެ ކަންތައް އެންމެ ރަނގަޅަށް ގޮސްފިނަމަ، ނޭމާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ހަތަރު ހަފްތާގެ ތެރޭގައި ކުޅުމަށް އެނބުރި އާދެވޭނެ." ޕީއެސްޖީގެ ރަސްމީ ސައިޓުގައި ނެރުނު ބަޔާނެއްގައިވެއެވެ.

އަނިޔާގެ ސަބަބުން މިދިޔަ ދެ ސީޒަނުގައި ވެސް ނޭމާއަށް ވަނީ ޕީއެސްޖީގެ މުހިއްމު މެޗުތަކެއް ގެއްލިފައެވެ. އެގޮތުން، ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޕީއެސްޖީ ކުޅުނު ދެ މެޗުވެސް އަނިޔާގެ ސަބަބުން ގެއްލިފައިވާއިރު މިދިޔަ އަހަރު ލިބުނު އަނިޔާއިން ރަނގަޅުވެ ނޭމާ ފިޓްވީ ވޯލްޑްކަޕް ފެށެން ވަރަށް ގާތްވެފައިވަނިކޮށެވެ.

މީގެއިތުރުން، މިދިޔަ މަހުގެ 15 ވަނަ ދުވަހު ބްރެޒިލްގެ އަންހެނެއް ޕެރިހުގައި ރޭޕްކުރި ކަމަށް ބުނެ ނޭމާއާ ދެކޮޅަށް ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެއީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން ކުރިއަށް އޮތް ކޮޕާ އެމެރިކާގައި ނޭމާ އަށް ނުކުޅެވޭނެކަން ޔަގީންވުމުން އެ ޓީމުގެ ކޯޗު ޓިޓޭ ވަނީ އޭނާގެ ބަދަލުގައި ޗެލްސީގެ ވިލިއަން ހިމަނާފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ބްރެޒިލްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އެ ޓީމު ހިމެނެނީ ބޮލީވިއާ އާއި ވެނެޒުއެލާ އަދި ޕެރޫއާއެކު ގްރޫޕް އޭ ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *