ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުވާލި ލޯނުގެ ފުރުސަތަށް އެދި ހުށަހެޅި ގިނަ ފަރާތްތައް ލޯނަށް ނުހޮވުމުން ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރާއްޖޭން ބޭރުގައި ކިޔެވުމަށް މަތީ ތައުލީމްގެ ލޯން ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ މިދިޔަ މާރިޗް މަހުގެ 21 ވަނަ ދުވަހުއެވެ.

އެގޮތުން ލޯނަށް ކުރިމަތިލުމަަށް ފުރުސަތު ހުޅުވާލިއިރު ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ކޯހުގެ ފަންސާްސް އިންސައްތަ ފުރިހަމަ ނުކޮށްވެސް ލޯނަށް އެދެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހަމައެހެންމެ އެ މިނިސްޓްރީގެ ޕޯޓަލުން އޮންލައިންކޮށްވެސް ލޯނަށްއެދި ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރިއެވެ.

ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ ނިމިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށްވިޔަސް ފަހުންވަނީ އެ މުއްދަތު މެއި 4 ވަނަ ދުވަހާއި ހަމައަށް އިތުރުުކޮށްފައެވެ.

އެ މުއްދަތު ހަމަވެ މެއި 5 ވަނަ ދުވަހު ސަރުކާރުން ލޯނު ލިބުނު ފަރާތްތަކުގެ ނަންތައް އާންމުު ކުރި އިރު ލޯނަށް ކުރިމަތިލި 242 މީހުންގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 79 މީހަކަށެވެ.

މިކަމާ ބެހޭ ގޮތުން އާންމުންގެ ތެރޭގައާއި ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ބަހުސް ކުރިއަށްދާންފެށީ މިހިސާބުންނެވެ. އަދި އާންމުންނާއި ލޯނަށް އެދި ހުށަހެޅި ފަރާތްތަކުގެ ފާޑުކިއުންތައް މިނިސްޓްރީއަށް ރައްދުވާންފެށިއެވެ.

އޭގެ ދިފާއުގައި ވާހަކަދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވަނީ ގިނަ ބަޔަކަށް އެ ފުރުސަތު ގެއްލިފައިވަނީ އެމިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް ލޯނަށް އެދި ހުށަހަޅާފައިވާތީ ކަމަށެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ޑިސްކޮލިފައިވެފައިވާ ފަރާތްތައް ޑިސްކޮލިފައިވެފައިވަނީ ކީއްވެކަން އަދި މިހާތަނަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައި ނުވާކަމެެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި އެފަދައިން ލޯނުދިން އަދި މީ ފުރަތަމަ ފަހަރެވެ. އަދި އޮންލައިންކޮށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދިި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އޭގެ ސަބަބުންވެސް އެހާ ގިނަ ފޯމު ނުބައިކޮށް ހުރުމަކީ އިދާރީ މައްސަލައަކަށްވުން އެކަށީގެންވާ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ ގޮތުގައި މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުންނަަމަ އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާއިރުގައިވެސް ކޮންމެ ވެސް ދެ ކެޓެގަރީއަކަށް އެޕްލައި ކުރެވޭނެއެވެ. އެެހެންނަމަވެސް އެ އުސޫލުގައި ބުނެފައިވާހެން ދެ ކެޓެގަރީއަކަށް އޮންލައިން ކޮށް ޕޯޓަލް މެދުވެރިކޮށް ލޯނަށް އެޕްލައިއެއް ނުކުރެވެއެވެ.

މީގެ ކުރިން އިންނަ ގޮތުންނަމަ އެއް ކެޓަގަރީން ޑިސްކޮލިފައިވެއްޖެ ހާލަތެއްގައި ދެން އިންނަ ކެޓަގަރީގައި ކަނޑައަޅާފައިވާ ބައިތަކަށް ލޯނަށް އެދި ހުށަހަޅާ ފަރާތް ޝަރުތު ހަމަވާނަމަ ލޯނު ލިބެއެވެ. އެހެންނަމަވެސް މިހާރު މި އިންނަ ގޮތުންނަމަ އެހެން ދެ ކެޓަގަރީއަށް ހުށަހެޅުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ގިނަ ދަރިވަރުންނަށް މިވަނީ ލޯނު ލިބުމުގެ ފުރުސަތު ގެއްލިގެން ގޮއްސައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އުސޫލުތަކާ ހިލާފަށް ފޯމު ހުށަހެޅުމުން ފޯމުތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި ޑިސްކޮލިފައި ކުރުމެވެ. އަދި ނުބައިކޮށް ފޯމު ހުށަހަޅައިފި ނަމަ، އެކަން ދަރިވަރުންނަށް އަންގައި އެ ރަނގަޅު ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދޭން ޖެހޭނެ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ބައެއް ފަރާތްތައް ބުނަމުން އަންނަ ގޮތުގައި ފޯމުގައި މައްސަލައެއް އުޅޭ ނަމަ އެކަން ދަރިވަރުންނަށް އެނގޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ. އަދި ބާތިލްކުރަން ޖެހޭނީ އެކަަންކަން ފުރިހަމަނުކުރުމުން ކަމަށް ވެސް އެ މީހުން ދެކެ އެވެ.

މީގެ އިތުރުން ލޯނަށް އެދި ހުށަހެޅި ގިނަ ފަރާތްތަކަަށް ލޯނު ނުލިބުމުގެ ސަބަބުން ހަޔާރ އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑުކިޔަމުން އަންނަނީ ހަމަ އެކަނި އާންމުން ނޫންކަން ފާހަގަކޮށްލަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެޕްލިކޭޝަން ފުރިހަމަ ނުވެގެން، ލޯނަށް ހައްގުވާ ދަރިވަރުންގެ ފުރުސަތު ގެއްލިގެން ހިނގައިދާނެތީ، ފުރިހަމަ ނުވެ އޮތް ކަމެއް މުއްދަތު ހަމަވުމުގެ ކުރިން ރަނގަޅުކުރަން އެންގުން މުހިއްމު ކަމަށް ދެކެވަޑައިގެން އެތައް ފަހަރަކު އޭނާ ވެސް މިނިސްޓްރީއަށް ގުޅުއްވި ކަމަށެވެ.

ލޯނުގެ ބާކީ ޖާގަތަކަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ގައި ހުޅުވައިލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި ގިނަ އަދަދެއްގެ ދަރިވަރުން އުސޫލުތަކާ ހިލާފުވެފައިވާތީ އެންމެންނަށް ފަސޭހަވާނެ ގޮތަކަށް އެ އުސޫލުތައް ބަދަލުކުރުން މުހިއްމެވެ.

އަލުން ފޯމުލުން ހުޅުވާލި ނަމަވެސް އެހާތަނަށް ބޭރުގެ ގިނަ ޔުނިވަސިޓީތަކުގައި ކިޔެވުން ފަށާނެތީ ގިނަ ދަރިވަރުންތަކަކަށް މި ބުރުގައި ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ގިނަ ފަރާތްތަކެއް އަންނަނީ ދެކެމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *