ޒަރޫރީ ބޭނުންތައް ފުއްދަން ކަމަށް ބުނެ މާލޭގެ ބާޒާރު މަތީގައި ސަލާން ޖަހަމުން ދިޔަ 20 މީހެއްގެ ހާލަތު ދެނެގަނެ، އެ އެންމެނަށް ޖެންޑާ މިނިސްޓްރީން އެހީވެ ދީފިއެވެ.
ޖެންޑާރ މިނިސްޓްރީން، ނެރުނު ބަޔާނެއްގައި ބުނީ ސަލާންޖަހާ މީހުންގެ ހާލަތު ބަލަން މިދިޔަ ފެބްރުއަރީ މަހު އުފެއްދި "އިންޓަވެންޝަން ކޮމިޓީން" މިހާތަނަށް 20 މީހެއްގެ ހާލަތު ދެނެގަނެ އެމީހުންނަށް އެހީތެރިވެފައިވާ ކަމަށެވެ.
އެ މީހުންގެ ތެރޭގައި ތިބި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ތަފާތު އެކި އިނާޔަތްތަކުގެ ޝަރުތު ހަމަވި ނަމަވެސް މިހާތަނަށް އެފަދަ އިނާޔަތެއް ލިބެމުން ނުދާ ފަރާތްތަކަށް އިނާޔަތްތަކުގެ މައުލޫމާތު ފޯރުކޮށްދިން އިރު އިނާޔަތް ލިބޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖެންޑާރ މިނިސްޓްރީން ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ބާޒާރުމަތި ސަރަހައްދުގައި ސަލާމް ޖެހުމަށް ތިބޭ މީހުންނާއި ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިއްލެއްވުމަށް ފަހު، އެމީހުންނަށް އެހީވުމަށް "އިންޓަވެންޝަން ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއްވެސް އުފައްދަވާފައެވެ.
އެ ކޮމެޓީގެ މަސައްކަތްތަކަކީ ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު ބަލައި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާއަކާއި އެ ފަރާތެއް ގުޅުވައި ދިނުން ކަމަށް މިިނިސްޓްރީން ބުނެއެވެ.