ބޭރުގެ އެހީއަށް ބަރޯސާވުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ހާރިޖީ ވަޒީރު, އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރުގެ އެހީއަކީ ކޮންބަޔަކު، ކޮން ބޭނުމެއްގައި ދޭ އެއްޗެއްތޯ ވިސްނާލަންޖެހޭ ކަމަށާއި، އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ދުންޔާ މައުމޫން މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން އަންނަނީ އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރަމުންނެވެ. އަދި އިންޑިއާއިން ދަނީ ރާއްޖެއަށް ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.
މީގެއިތުރުން ސިފައިން ތަމްރީން ކުރުމަށް އެހީތެރިވުމަށް ޅ. މާފިލާފުށީގައި ހަދާފައިވާ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ގާއިމުކޮށްފައިވާ ރާޑަރު ސިސްޓަމް ވެސް ބޮޑުވަޒީރު މޯދީ ވަނީ އިއްޔެ އިފްތިތާހުކޮށްދެއްވާފައެވެ.