އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަވައްޓެރި ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް މައިތިރި ޕާލާ ސިރިސޭނާއާއި އެކު ދުނިޔޭގައި ހައްދު ފަހަނައަޅާފައިވާ ޓެރަރިޒަމްގެ އަމަލުތަކާއި މެދު މަޝްވަރާތައް ކުރިއަށް ދާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މޯދީ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަކީ، ހިތާމާފާޅުކުރަމުންދާ ސްރީލަންކާގެ ރައްޔިތުންނާ ސަރުކާރާއެކު އިންޑިއާގެ ރައްޔިތުންނާ ސަރުކާރު އޮތްކަން ހާމަކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެގައުމުގެ ޑިފެންސް ފޯސް މިހާރަށްވުރެ ހަރުދަނާ ކުރާނެ ގޮތާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެއެެވެ. 

މޯދީގެ މި ދަތުރުފުޅުގައި ލަންކާގެ ކުރީގެ ރައީސް އަދި އިނދިކޮޅު ލީޑަރ މަހިންދަ ރާޖަ ޕަކްސައާއިއެކުވެސް މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް ގެންދަން ވަނީ މަޝްވަރާ ކޮށްފައެވެ. 

އަދި ހަމައެހެންމެ ސްރީލަންކާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ މިއަދު މޯދީ ބައްދަލުކުރައްވާއިރު، އޭޕްރިލް 21 ވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާތައް އަމާޒުވި ސަރަހައްދުތަކަށް ވެސް މޯދީ ޒިޔާރަތްކުރައްވާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ. އެ ހަމަލާތަކުގައިވަނީ 250 ވަރަކަށް މީހުން މަރުވެފައެވެ. 

މޯދީއަކީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުގެ ފުރަތަމަ ވެރިޔާއެވެ.

ލަންކާއަށް މިއަދު ކުރައްވާ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑު ވަޒީރުކަމަށް ދެވަނަ ދައުރަކަށް މޯދީ އިންތިހާބު ވުމަށް ފަހު އެމަނިކުފާން ކުރައްވާ 2 ވަނަ ރަސްމީ ދަތުރުފުޅެވެ. އެގޮތުން މޯދީ އެންމެ ފުރުތަަމަ ވަޑައިގެންފައިވަނީ ރާއްޖެއަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވުނު ނަމަވެސް، ލަންކާއަށް މިއަދު ކުރައްވާ ދަތުރުފުޅުގައި އެއްވެސް ފަހުމުނާމާއެއްގައި ސޮއިނުކުރައްވާނެއެވެ. 

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މޯދީ ރާއްޖެއިން ފުރާވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މޯދީ ލަންކާއަށް ވަޑައިގަންނަވަންވެސް ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ރަސްމީ ދަތުރުތައް ނިންމަވާ ލެއްވުމަށްފަހު އެމަނިކުފާން އިންޑިއާއަށް ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *