ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ތުރުކީ އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިވެއްޖެއެވެ. މި މެޗުން ތުރުކީ މޮޅުވީ 2-0 އިންނެވެ.

މި ނަތީޖާއާއެކު ތުރުކީ ވަނީ ގްރޫޕް އެޗްގައި އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ތުރުކީ ކޮޅަށް އަދި ގޯލެއް ވަދެފައިނުވާއިރު ރޭގެ މެޗުން ބަލިވި ފްރާންސް އޮތީ ހަ ޕޮއިންޓާއެކު ދެވަނައިގައެވެ. އެންމެ ފުލުގައި އުޅޭ އެންޑޯރާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ތުރުކީގެ ކޯންޔާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 30 ވަނަ މިނެޓުގައި ތުރުކީ އަށް ލީޑް ނަގައިދިނީ ޑިފެންޑަރު ކާން އައިހާން އެވެ. މިއީ ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެއް ތުރުކީގެ ޗެންގިޒް އުންޑާ ނަގައިދިނުމުން މެރިހް ޑެމިރާލް ބޮލުން ޖައްސާލި ޕާހަކުން އައިހާން ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ އަށް މިނެޓުފަހުން، ތުރުކީގެ ލީޑް ފުޅާކުރުމަށް ކެޕްޓަން ބުރަކް ޔިލްމާލް އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ އިރްފާން ކަވޭޗީ ދިން ބޯޅައަކުން ޔިލްމާޒް ފޮނުވާލި ބޯޅަ ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ތުރުކީގެ ދެވަނަ ލަނޑުޖަހައިދީ އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ޔަގީންކޮށްދިނީ އުމުރުން 21 އަހަރުގެ ހުނަރުވެރި ވިންގާ އުންޑާ އެވެ. މިއީ ފްރާންސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ތުރުކީގެ ދޮރުހާން ޓޯކޯޒް ދިން ޕާހަކުން އުންޑާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު ތުރުކީގެ ގޯލަށް އަމާޒުކޮށް ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މި ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުން ތުރުކީ ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން، ލޫކަސް ޑީނިއޭ އާއި ބްލައިޒް މަޓުއިޑީގެ ބަދަލުގައި ފާލަން މެންޑީ އާއި ކިންގްސްލީ ކޯމަން ވަނީ ކުޅެން ނެރެފައެވެ.

ފްރާންސުން ގެނައި ބަދަލުތަކަށްފަހު ވެސް، އެ ޓީމަށް ކުޅެވޭގޮތެއްނުވިއެވެ. އޭގެނަތީޖާއެއްގެގޮތުން، މި ހާފުގައި ވެސް ތުރުކީގެ ފަރާތުން ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައިވެއެވެ. އެގޮތުން، ތުރުކީގެ ޔިލްމާޒް އާއި ކެނާން ކަރަމަން އަދި މަހްމުޓް ޓެކްޑެމިރް އަށް އެ ޓީމުގެ ލީޑް ފުޅާކުރުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތެއްނުވިއެވެ.

ރޭގެ މެޗުން މޮޅުވެ ތުރުކީ މިވަގުތު ވަރަށް ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް، މިދިޔަ އަހަރު ޔުއެފާ އިން ތައާރަފްކުރި ނޭޝަންސް ލީގުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އެ ޓީމު ހިމެނުނު ގްރޫޕުގެ އެންމެ ފުލަށް ގޮސް ލީގު ސީ އަށް ރެލިގޭޓްވުމުން މިދިޔަ މާރިޗް މަހުގައި އޭރުގެ ކޯޗު މިރްކެއާ ލުކެސްކޫ ވަނީ މަގާމުން ވަކިކޮށްފައެވެ. ޔޫރޯ ކޮލިފައިންގައި ތުރުކީ ޓީމާ ހަވާލުވި ސެނޯލް ގުނެޝްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *