އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ނަމުގައި ޓޮމާޓޯ ކެޗްއަޕްއެއް ބާޒާރަށް ނެރެފި އެވެ.
ޝީރަން ހާމަކުރާ ގޮތުގައި އޭނާއަކީ އަބަދުވެސް ހެއިންޒްގެ ޓޮމާޓޯ ކެޗަޕްގެ ވަރަށް ބޮޑު ފޭނެކެވެ. އެގޮތުން އޭނާގެ ވާތުގައި ހެއިންޒްގެ ޓެޓޫއެއް ވެސް ޖަހާފައި ހުރެ އެވެ.
އެމެރިކާގެ ހެއިންޒް ކުންފުންޏާއި ޝީރަން ގުޅިގެން ނެރުނު ކެޗަޕްގެ ނަމަކީ "އެޑްޗަޕް" އެވެ. ފުޅީގައި ބަންދުކޮށްފައިވާ މި ކެޗަޕްގެ އަގަކީ 7.50 ޑޮލަރެވެ. މީގެ އިޝްތިހާރުތަކެއް ޝީރަންގެ ފޮޓޯ ހިމަނައިގެން ވެސް ވަނީ ދައްކާލައިފަ އެވެ.
އެހެންވެ ޝީރަންގެ ނަމަށް ނިސްބަތްކޮށް، ހެއިންޒާ ގުޅިގެން ކެޗަޕެއް ނެރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ބުންޏެވެ. ޝީރަން ބުނީ "އެޑްޗަޕް" ފޭނުންނަށް ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.