ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައި ވަނީ އެތައް ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ ވަރުގަދަ އަދި ގާތް އެކުވެރިކަމުގެ ގުޅުމެކެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ އަޅުގަނޑުމެންގެ މި ދިވެހި ގައުމު ހާލުގައި ޖެހުނު ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލި ބަޔަކީ އިންޑިއާކަމެވެ. އެހެންކަމުން އިންޑިއާއާއި ރާއްޖެއާއި ދެމުގައި ވަނީ ކެނޑިގެންނުދާނެ ވަރުގަދަ ގުޅުމެކޭ ބުނުމަކީ މުޅިން ދޮގަކަށް ވާނެ ވާހަކައެއް ނޫނެވެ.
ރާއްޖޭގެ ވެރިކަމަށް އިސްވާ ކޮންމެ ވެރިއަކުވެސް އިންޑިއާއާއި އެކު އޮންނަ ގުޅުން ހީނަރުވިޔަނުދީ ރަނގަޅަށް ދެމެހެއްޓުމަށް ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އިންޑިއާ އެއްފަރާތަކަށް ޖައްސާލުމަށްފަހު ޗައިނާ ކައިރި ކުރަން ފެށިތަނެވެ. އެކަމުގެ ސަބަބުން، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާގެ ޒަމާންވީ އެކުވެރިކަމުގައި ކޮންމެވެސް ވަރަކަށް ކުނޑިކޮޅުތައް ޖެހުނެވެ. ނަމަވެސް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް އިސްވުމަށް ފަހު ފެނިގެންދިޔައީ، ޗައިނާ ދުުރުކޮށްލުމަށް ފަހު އަނެއްކާވެސް އިންޑިއާ ކައިރިކުރި މަންޒަރެވެ. މަޑުމަޑުން ދެ ގައުމުގެ މެދުގައި ހީނަރުވެފައިވާ އެކުވެރިކަން، ކުރިންހެން ގާތްކޮށް ވަރުގަދަ ކުރަން ފެށި މަންޒަރެވެ.
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ ގައުމުން ބޭރަށްކުރާ ދަތުރުގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަކީ މުޅި ދިވެހި ގައުމަށްވެސް ލިބިގެންދާ އުފަލެވެ. ވީރާނާވެފައިވާ އެކުވެރިކަން އަލުން ވަރުގަދަވި ކަމުގެ އަލިގަދަ ހެއްކެކެވެ. އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އަހައްމިޔަތު ކަމުގެ ފަނޑުނުވާނެ މިސާލެކެވެ.
އިންޑީއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ދިވެހިރާއްޖެއަށް ކުރެއްވި، ފުރަމާނަ ދަތުރުފުޅަށް މުޅި މާލެވެސް ތައްޔާރުކުރިއެވެ. މާލޭގެ ބައެއް ބޮޑު މަގުތައް ބަންދުކޮށް ސެކިއުރިޓީ ވަރުގަދަ ކުރިއެވެ. މޯދީ ރާއްޖެ އަންނާނެ ކަމަށް ބުނި ދުވަހުން ފެށިގެން އެތަކެއް ތައްޔާރީ ތަކެއް ވާން ފެށިއެވެ. ސަރުކާރުގެ ހުރިހާ އިދާރާތަކުން އެތަކެއް ތައްޔާރީތަކެއްވިއެވެ.
މޯދީ އިއްޔެ ރާއްޖެއަށް ވަޑައިގެންނެވީ، އިއްޔެ ހަވީރު 15:00 ހާއިރެވެ. މޯދީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ދެކަނބަލުންނެވެ. މޯދީ މާލެ ވަޑައިގަތުމުން އެބޭފުޅާއަށް ޖުމްހުރީ މައިދާނުން މަރުހަބާ ކިޔުއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހުރިއްޔާއާއި މިނިސްޓަރުންނާއި އަދި ދައުލަތުގެ ވުޒާރާތަކުގެ އިސްވެރިންނެވެ. ޖުމްހޫރީ މައިދާނުގައި މަރުހަބާ ކިޔުއްވުމުގެ ރަސްމިއްޔާތަށް ފަހު، ދެން ކުރިއަށް ދިޔައީ ރައީސް އޮފީހުގައި ދެ ގައުމުގެ ރައީސުން ނޫސްވެރިންނާއި ބައްދަލުކުރައްވައި، ދެ ފަރާތުގެ ދެމެދުގައި ވެވުނު ބައެއް އެއްްބަސްވުންތަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމެވެ. އޭގެ ކުރިން ވަނީ، ރައީސް އޮފީހުގައި ބޭއްވި ކުޑަކުޑަ ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް އަރުއްވާފައެވެ.
ރައީސް އޮފީހުގައި ހަވީރު ބޭއްވުނު، ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިސްކަންދޭ ވެރިކަމެއް ހިންގުން ކަމަށާއި، އެކަމުގައި އިންޑިއާއިން ވެދޭ އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކޮށް ރައީސް ވަނީ އިންޑިއާއަށް ޝުކުރު ދަންނަވާފައެވެ. މީގެއިތުރުންވެސް، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމަކީ އިންޑިއާ ކަނޑުގެ މަޝްރަހާ ގުޅިފައި އޮތް ގުޅުމެއް ކަމަށާއި، އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންޑާގެ "ތެދުވެރި" އެކުވެރިއެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކުން ދިވެހިރާއްޖެ އަށް ވަރަށް ބޮޑެތި ފައިދާތަކެއް ވާނެކަމަށްވެސް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
އިންޑިއާއާއި ރާއްޖެ ދެމެދު އިއްޔެ ސޮއި ކުރި އެއްބަސްވުންތަކަށް އަލިއަޅުވައިލައްވަމުން ރައީސް ޞާލިހު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު ވަރަގަދަ ކުރުމުން ދެ ގައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކޮޗިން އާއި ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ގާއިމުކުރުމާ ގުޅޭގޮތުން ސޮއި ކުރުމުން ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި މުދަލާއި މީހުން އެކުލެވޭ މުއާމަލާތްތަކުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށި ހިދުމަތް ލިބެން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚްތިޔާރުކުރެއްވިކަމީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށާއި، އަދި މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއާއި ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން، އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވުން، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ރާއްޖެ އަކީ އިންޑިއާ އަށް މުހިއްމު ގައުމެއް ކަމަށެވެ. އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާ އެންމެ ގާތުގައި ކަމަށާއި ޒަމާންވީ އެ ގުޅުން ދެމިއޮންނާނީ ބަދަހިކަންމަތީގައި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަގާމާއި ހަވާލުވެވަޑައިގަތުމާއިއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އިތުރު ދިރުމަކާއި ކުރިއެރުންތައް ލިބިފައިވާ ކަން ފާހަގަކުރައްވައި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާކަމުގެ ޝަރަފް، އެމަނިކުފާނަށް އެރުވިކަމަށްޓައި ޝުކުރު އަދާކުރެއްވިއެވެ. އެއީ މުޅި އިންޑިއާއަށް ލިބުނު ޝަރަފެއް ކަމަށް މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އިތުރަށް ވިދާޅުވީ، މިހާތަނަށް ވެސް ރާއްޖެ އަށް ކުރިމަތިވި ކޮންމެ ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި އޮތީ އިންޑިއާ އެވެ. މިސާލެއްގެ ގޮތުން ދެއްކެވީ 1988 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލަ އާއި 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ އިތުރުން ރާއްޖެ ފެނަށް ޖެހިގެން އިންޑިއާ އިން އެހީތެރިވެދިން ގޮތެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް އިއްޔެ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ، އިންޑިއާއިން ރާއްޖޭގައި ގާއިމުކުރާ ރާޑަރު ސިސްޓަމުތައް އިފްތިތާހުކޮށްފައެވެ. އަދި މީގެ އިތުރުންވެސް، އިންޑިއާއާއި ރާއްޖެއާއި މެދުވަނީ 6 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އިންޑިއާއި ރާއްޖެއާއި މެދު އިއްޔެ ސޮއި ކުރެވުނު އެއްބަސްވުންތައް:
- ސިއްހީ ދާއިރާ އިން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން
- ދިވެހި ސިވިލް ސާވަންޓުން ތަމްރީނުކޮށް ސިވިލްސާވަންޓުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމުގެ އެއްބަސްވުން
- ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީ އާއި ގުޅޭ އެއްބަސްވުން
- އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން އެމްއެންޑީއެފް އެންޑް އިންޑިއަން ނޭވީ
- ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން
- އިންޑިއާގެ ކޮޗިން އިން ރާއްޖެއަށް ޕެސެންޖަރ އަދި ކާގޯ ފެރީގެ ހިދުމަތް ފެށުން
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަގްރީރުވެސް ކުރައްވާފައެވެ. އެބޭފުޅާ މަޖިލީހުގައި ތަގްރީރު ކުރެއްވީ ހިންދީ ބަހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރޭ ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް ހަދިޔާ ކުރައްވާފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވަމުން ވިދާޅުވީ، ރަނގަޅު ޓެރަރިސްޓުންނާ ނުބައި ޓެރަރިސްޓުން ނުތިބޭނެކަމަށެވެ. އޭގެ ބަދަލުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭނީ ހުރިހާ ގައުމެއް ގުޅިގެންކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތައް އިސްނަގައިގެން ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ކޮންފަރެންސް އެއް ބޭވުމަށް ގޮވާލެއްވިއެވެ. އިންޑިއާއިން ގެންގުޅޭ "ވަސުދައިވް ކުތުމްބަކަމް" ގެ ސިޔާސަތުގެ ދަށުން މުޅި ދުނިޔެއާއިމެދު ދެކެނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށެވެ. އިންޑިއާއިން އެންމެ އިސްކަމެއްދެނީ، ރައްޔިތުންނާ ގާތުން ހިންގާ އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތަކަށް އެހީ ފޯރުކޮށްދިނުން ކަމުގައި، އިއްޔެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވި މޯދީ ފާހަގަކުރެއްވިއެވެ.
މޯދީގެ ތަގުރީރުގައި ދެކުނު އޭޝިއާގެ އިތުރުން އިންޑޯ-ޕެސިފިކް ސަރަހައްދުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އަދި މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ މުސްތަގުބަލު ގުޅިފައިވަނީ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިގެން ކަމަށް މޯދީ ވިދާޅުވި އެވެ. އެގޮތުން، މި ސަރަހައްދުގެ ހުރިހާ ގައުމުތަކަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އިންޑިއާ ފަސްނުޖެހޭނެ ކަމަށްވެސް މޯދީ ތަކުރާރުކުރެއްވިއެވެ.
މޯދީ އިތުރަށް ވިދާޅުވި، ތަރައްގީގެ ގުޅުމުގެ ބޭނުމަކީ ރާއްޖެ ބާރުވެރިކުރުވުން ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ބޭނުމަކީ ރާއްޖެއިން އެ ގައުމަށް ބަރޯސާކުރާ މިންވަރު އިތުރުކުރުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށްފަހު މޯދީ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަލާންކުރައްވާފައެވެ.
ޝައްކެއްނެތް ގޮތުގައި، މޯދީ ރާއްޖެއަށް މިކުރެއްވި، ތާރީޚީ ދަތުރުފުޅު ވެގެންދާނީ ރާއްޖެ އަދި އިންޑިއާގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރިކަމުގެ ގުޅުމަށް އިތުރުކުރެވުނު ބޮޅަކަށެވެ.