އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރު މޯދީ ރާއްޖެއަށް މިއަދު ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ގުޅިގެން ބަންދުކުރި މަގުތައް އަލުން ހުޅުވައިފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސެކިއުރިޓީ ބޭނުމަށް ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ބަންދުކުރި މަގުތައް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ މުއައްސަސާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ރަސްމީ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކާއި ޅ. މާފިލާފުށީގައި ގާއިމު ކުރި ދިވެހި ސިފައިންގެ ކޮމްޕެސިޓް ޓްރެއިނިން ސެންޓަރު ވެސް ވަނީ އިފުތިތާހުކޮށްފަ އެވެ. މީގެ އިތުރުން މޯދީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ސަބަބުން ހޮނިހިރު ދުވަހު އަދި އާދިއްތަ ދުވަހު ބުރިޖު ބަންދު ކުރޭތޯ، ގިނަ ބަޔަކު އުފެއްދި ސުވާލަށް ޖަވާބު ދެމުން، ފުލުހުން ބުނެފައިވަނީ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ސަބަބުން ބުރިޖުގެ ދަތުރު ފަތުރަށް ދަތި ކަމެއް ނާންނާނެ ކަމަށެވެ.