މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި, މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭން އިންޑިއާއިން އެއްބަސްވެއްޖެ އެވެ.
ރައިސުލްޖުމްހުރިއްޔާގެ ދައުވަތަކަށް މޯދީ މިއަދު ރާއްޖެ ވަޑައިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދް ސޯލިހްއާއި އެއްކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މޯދީ ވިދާޅުވީ މާލޭގެ ތާރީހީ ހުކުރު މިސްކިތުގެ އާބާތުރު ފިލުވުމުގެ މަސައްކަތުގައި ރާއްޖެއަށް އެހީވުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ.
"ތާރީހީ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން މިއަދު ވަނީ އެއްބަސްވެފައި." އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.
މިއަދު އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ ކަންތައްތަކެއް ކޮށްދޭން އެއްބަސްވެ ދެގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން މާލެ ކުޅުދުއްފުށި އަދި އިންޑިއާގެ ކޮޗީއާ ދެމެދު ފެރީގެ ހިދުމަތް ގާއިމް ކުރުމަށްވެސް ދެގައުމުން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
"ދިވެހި ރައްޔިތުންނަށް ސީދާގޮތުން ފައިދާ ކުރާނެ މިފަދަ އެތައް ޕްރޮޖެކްޓެއްގައި އިންޑިއާއިން ދަނީ އެހީވަމުން." ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވީ އެއީ ރާއްޖެއާ އިންޑިއާގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމެއް ކަމަށެވެ.