ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ސޯލިހު އަރުވައިފި އެވެ.
މޯދީއަކީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގަތް ހަ ވަނަ ބޭފުޅެވެ.
ރައީސް ސޯލިހުގެ ގަރާރުގައިވާ ގޮތުން މޯދީއަށް އެ އިއްޒަތް އެރުވުމަށް ނިންމެވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހަންމިއްޔަތާއި ދީލަތި އެހީތެރިކަމުގެ އަގު ވަޒަން ކުރުމަށްޓަކައި ކަމަށެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، މީގެކުރިން ބޭރުގެ ބައެއް ޢިއްޒަތްތެރިންނަށް ވަނީ އަރުވާފައެވެ. އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ. މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް މި ޢިއްޒަތް އަރުވާފައިވެއެވެ.