އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.
އިންޑިއާގެ ބޮޑުވަޒީރަށް ހާއްސަ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ 15:10 ހާއިރު އެވެ. މޯދީއާއެކު އިންޑިއާ އިން ރާއްޖެ އައި ވަފުދުގައި 100 އެއްހާ މީހުން ހިމެނޭ ކަމަށް، ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އިންޑިއާގެ ބޮޑު ވަޒީރު ކަމަށް ދެވަނަ ދައުރަކަަށް އިންތިހާބު ވުމަށްފަހު ރާއްޖެއަށް މޯދި މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނުގެ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މޯދީ ރާއްޖެ މި ވަޑައިގެންނެވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިތުރު އެހީތަކެއް ވެސް ރާއްޖެއަށް ދެއްވުމުގެ ވައުދާ އެކުގަ އެވެ. އެގޮތުން މި ދަތުރުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދެ 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެއެވެ.
އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމުރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން ރާއްޖެއިން ކޮޗިންނަށް ފެރީގައި ދަތުރުކުރަން ފެށުމުގެ ގޮތުން އެކުލަލާވާ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އާއި ކުޅުދުށްފުށިން ކޮޗިންނަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.