ޕެރެޑައިޒް ރިސޯޓް ކައިރި އޮންނަ، މަންޓާ ޕޮއިންޓަށް ޑައިވިންގް އަށް ގޮސް އުޅުނު، ޖަރުމަންގެ ފަތުރުވެރިއެއްގެ ފައިގަ، ދޯންޏެއްގެ ބުރަފަތިން ޖެހި، ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފުލުހުން ވިދާޅުވީ، އެނބޫދޫ ފިނޮޅު ޑައިވިންގް ސުކޫލުގެ ފަރާތުން ޕެރެޑައިޒް ރިސޯޓް ކައިރި އޮންނަ މަންޓާ ޕޮއިންޓަށް ޑައިވިންގްއަށް ގޮސް އުޅުނު ޖަރުމަންގެ ފަތުރުވެރިއެއްގެ ފައިގަ، ޕެރެޑައިޒް ރިސޯޓްގެ ދޯންޏެއްގެ ބުރަފަތި ޖެހި، އެމީހާގެ ފައި ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށެވެ. އަދި ފައި ޒަހަމްވި މީހާ ޕެރެޑައިޒް ރިސޯޓަށް ގެންގޮސް، އެ ރިސޯޓްގެ ފަރާތުން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ފުލުހުން ވިދާޅުވީ، މިހާރު އެ ހާދިސާ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.