ޚަބަރު
ރައީސް ދެއްވީ މީޑިއާތަކަށް ފައިސާ ދެއްވާނެކަމުގެ ޔަގީންކަން

ސަރުކާރުން މީޑިއާތަކަށް ފައިސާ ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް އެކަމުގެ ޔަގީންކަން އެރުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ނެރުއްވި ހިތާބެއްގަ އެވެ.

މި ހިތާބުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަން ކަމަށެވެ. އެހެންކަމުން، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން އިސްނަގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

“ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަގުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ހަގީގީ ކުލަ ޖައްސާނަން”

މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ހަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. ވީމާ ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ނޫސްވެރިންނަކީ ބުރަ މަސްއޫލިއްޔަތެއް އުފުއްލަވާ ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިންތިހާބީ ރައީސެއްގެ ގޮތުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެެއްސެވުން ކަމަށެވެ. ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ނޫސްވެރީން ދިން ހިޔާލުތަކާއި، ފާހަގަކުރި ކަންކަން ނޯޓުކުރެއްވި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެއާއެކު، އެމަނިކުފާނު ވަނީ ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ތަކުރާރު ކުރައްވާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top