2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ރޭ ކުޅުނު މެޗުތަކުން ސްޕެއިނާއި ޔޫކްރެއިން އަދި ސްވިޑެން މޮޅުވިއިރު ރިޕަބްލިކް އޮފް އަޔާލެންޑްއާ ދެކޮޅަށް ކުޅެ ޑެންމާކް އެއްވަރުވެއްޖެއެވެ.
ފެރޯ އައިލެންޑްސްގެ ދަނޑުގައި ކުޅުނު މެޗުން ސްޕެއިން މޮޅުވީ 4-1 އިންނެވެ. ސާބިއާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔޫކްރެއިން މޮޅުވިއިރު ސްވިޑެން ވަނީ 3-0 އިން މޯލްޓާ ބަލިކޮށްފައެވެ. ޑެންމާކްގެ ދަނޑުގައި އަޔާލެންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ 20 މިނެޓުގެ ތެރޭގައި ސްޕެއިނުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އިސްކޯ ނަގައިދިން ކޯނަރަކުން ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކުރިއިރު އިއާގޯ އަސްޕާސް ތަނަވަސްކުރި ފުރުޞަތަކުން ސްޕެއިނުގެ ލީޑް ފުޅާކޮށްދިނީ ޖެސޫސް ނަވާސް އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ފެރޯ އައިލެންޑްސްގެ ކްލައެމިންޓް އޯލްސެން ފަރަގު ކުޑަކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން، ސްޕެއިނަށް އަލުން ދެލަނޑުގެ ލީޑް ލިބުނީ ފެރޯ އައިލެންޑްސްގެ ޓެއިޓުރް ގެސްޓްސަން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ސްޕެއިންގެ ހަތަރުވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ޖަހައިދިނީ ވެލެންސިއާގެ ފުލްބެކް ހޯސޭ ގަޔާ އެވެ. ރޭގެ މެޗުން ހޯދީ މޮޅާއެކު ސްޕެއިން ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕް އެފްގެ ޕޮއިންޓް ތާވަލްގެ އެންމެކުރީގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރޭގެ މެޗުގައިވެސް ސްޕެއިންގެ ބެންޗުގައި އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ނެތެވެ. އާއިލީ ސަބަބަކާއިހުރެ އޭނާ މިވަގުތު ހުރީ ޓީމާ ދުރުގައެވެ.
މީގެއިތުރުން، ރޭގެ މެޗުގައި ފާހަގަކޮށްލެވުނު އަނެއް ކަމަކީ މިދިޔަ ތިން އަހަރު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ހުނަރުވެރި މިޑްފީލްޑަރު ސަންޓީ ކަޒޯލާ އަލުން ގައުމީ ޓީމުގެ ޖާޒީގައި ފެނިގެންދިއުމެވެ. އޭނާ ވަނީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ކެޕްޓަން ރާމޯސް ބަދަލުކުރުމުން ކެޕްޓަން ބޭންޑް އަޅައިގެންވެސް ކުޅެފައެވެ.
ޔޫކްރެއިންގެ ދަނޑުގައި ރޭ ސާބިއާ އަތުން އެ ޓީމު 5-0 އިން މޮޅުވިއިރު ލަނޑުތައް ޖަހައިދިނީ ވިކްޓަރ ސީގަންކޯވް އާއި ޔެވެހެން ކޮނޮޕްލިޔަންކާ އަދި ރޯމަން ޔަރެމްޗުކް އެވެ. އެ ޓީމުގެ ސީގަންކޯވް އާއި ކޮނޮޕްލިޔަންކާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ.
މި މުބާރާތުގައި ރޭ މޯލްޓާއާ ދެކޮޅަށް ސްވިޑެން ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރޮބިން ކުއައިސަން އާއި ވިކްޓާ ކްލާސަން އަދި އަލެކްސެންޑާ އިސަކް އެވެ.
ގްރޫޕް ޑީ ގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި ޕިއޭރް-އެމީލް ހޮއިބިއޭ ކާމިޔާބުކުރި ގޯލުން ޑެންމާކް މޮޅުވާން ދަނިކޮށް ރިޕަބްލިކް އޮފް އަޔާލެންޑަށް މެޗުނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެއްވަރުކޮށްދިނީ ޝޭން ޑަފީ އެވެ.
ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ލެޓްވިއާ އަތުން 3-0 އިން އިޒްރޭލް މޮޅުވިއިރު އެ ޓީމުގެ އެރެން ޒަހާވީ ވަނީ ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކު ވިދިވިދިގެން ދެ މެޗުގައި ހެޓްރިކް ހަދާފައެވެ. ނޯވޭއާ ރޫމޭނިއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު ޗެކްރިޕަބްލިކް ވަނީ 2-1 އިން ބަލްގޭރިއާ ބަލިކޮށްފައެވެ. އުތުރު މެސެޑޯނިއާ އަތުން 1-0 އިން ޕޮލެންޑް މޮޅުވިއިރު ސްލޮވޭނިއާ އަތުން އޮސްޓްރިއާ މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ.