އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ދިވެހި ދައުލަތުގެ ފަރާތުން ދޭ އެންމެ މަތީ އެއް ޝަރަފް ކަމަށްވާ "ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިކަން - އެން.އައި.އައި.ވީ" އަރުވަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ރާއްޖެ އެމްވީގައި އިންޑިއާގެ އޮފިޝަލަކާއި ހަވާލާދީއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ދިވެހި ދައުލަތުން ފުރަތަމަ ބިދޭސީއަކަށް އެރުވީ 15 މާޗް 1972ގައި ރައީސް އިބްރާހީމް ނާޞިރު، ޑިއުކް އޮފް އެޑިމްބަރާއަށާއި، އާރލް މައުންޓް ބެޓްންއަށް އަށެވެ. 30 އޮކްޓޯބަރ 1984ގައި މި ޢިއްޒަތް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޗުންޑޫ ހުވާނަށާއި، 16 ނޮވެމްބަރ 1989ގައި މި ޢިއްޒަތް ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ސަރ ޝްރީދަތު ރާމްފާލަށް އަރުވާފައިވެއެވެ. މީގެ އިތުރުން ސަޢޫދީ ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުވަނީ މި އިއްޒަތް އަރުވާފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ އެބޭފުޅާ ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީީރަކަށް އިންތިހާބުވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުންނަމަ ދެވަނަ ދައުރަކަަށް އިންތިހާބު ވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުގައިި އެބޭފުޅާ ފުރަތަމަ ގައުމަށް ރާއްޖެ ޙިޔާރުކުރީ އެއީ ރާއްޖެއަކީ އިންޑިއާ އާއި އެންމެ ކައިރީގައި އޮންނަ ގައުމަށް ވާތީއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މި އިއްޒަތް އަރުވާނީ މާދަމާ ރައީސް ޞާލިހް އާއި އެކު ރައީސް އޮފީހުގައި ބާއްވާ ހާއްސަ ބައްދަލުވުމުގައި ކަމަށް ބެލެވެއެވެ.