ޗެލްސީ އަށް ކުޅެމުން އަައި ބެލްޖިއަމްގެ ހުނަރުވެރި ވިންގާ އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.
އުމުރުން 28 އަހަރުގެ ހަޒާޑް ރެއާލަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ހަޒާޑް ދައްކާލާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހަޒާޑްގެ ޓްރާންސްފާ ފީ، ބޯނަސްއާއެކު 150 މިލިއަން ޕައުންޑަށް އަރާނެއެވެ.
ފްރާންސްގެ ލިއްލޭ އިން 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް ވަނީ އެ ޓީމަށް ކުޅެދިން 352 މެޗުގައި 110 ގޯލް ކާމިޔާބުކޮށްފައެވެ. އެ ޓީމުގައި ހޭދަކުރީ ދުވަސްވަރު، އޭނާ ވަނީ ޕްރިމިއާ ލީގާއި ޔުރޮޕާ ލީގު ދެ ފަހަރު އެފްއޭކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، ޗެލްސީން އެންމެފަހުގެ ޔުރޮޕާ ލީގު ކާމިޔާބުކުރިއިރު ފައިނަލް މެޗުގައި ހަޒާޑް ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތްތައް އެތައް ފަހަރެއްގެ މަތިން ދީފަ އެވެ. އެހެންނަމަވެސް، އޭގެފަހުން ކްލަބްގައި މަޑުކޮށްފާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެކުރީން، އެތައް ފަހަރެއްގެ މަތީން ހަޒާޑް ވަނީ ރެއާލަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފަ އެވެ.
މީގެއިތުރުން، ހަޒާޑަކީ ރެއާލްގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާނަށް ވަރަށް ކަމުދާ ކުޅުންތެރިއެކެވެ. އެގޮތުން، އޭނާ ވަނީ 2010 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ހަޒާޑަކީ މުސްތަގްބަލްގައި ތަރިއެއްކަމަށް ބުނެ ތައުރީފްކޮށް ވާހަކަދައްކާފައެވެ.
މިދިޔަ އަހަރުގެ ޖޫން ޓްރާންސްފާ މާކެޓްގައިވެސް ރެއާލުން ހަޒާޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް، އޭރު ޗެލްސީން ކިޔާ އަގުބޮޑުވުމުން ރެއާލުން ވެސް ގަންނަން ބޭނުންނުވި އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗުކަމާ މަައުރީޒިއޯ ސާރީ ހަވާލުވިއިރު، އޭނާ އޮތީ އެ ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑާއި ވިލިއަން ވިއްކާނުލަން ޝަރުތުކޮށްފަ އެވެ. އެކަމަކު ހަޒާޑްގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެތީ އިތުރުގޮތެއް ނެތުމުން ރެއާލަށް ވިއްކާލަން އެއްބަސްވީއެވެ.
ރެއާލަށް ބަދަލުވުމަށްފަހު ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލުމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ނިންމަން ޖެހުނު އެންމެ މުހިއްމު އަދި އުނދަގޫ ނިންމުންކަމަށް ބުނެފައެވެ.
ހަޒާޑް ވިއްކާލުމުން ޗެލްސީ އަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން ކުރިއަށް އޮތް ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތުމެވެ. އެހެންވެ ހަޒާޑުގެ ބަދަލުގައި ކުޅުންތެރިޔަކު ގެނެވޭނެ މަގެއް ނޯންނާނެ އެވެ. މިކަމާއި ގުޅިގެން ޗެލްސީން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޮރ ސްޕޯޓްސް (ސީއޭއެސް) ގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާފައެވެ.
ހަޒާޑްގެ އިތުރުން ރެއާލަށް ކުރިއަށް އޮތް ސީޒަނަށް ގެނައި ކުޅުންތެރިންނަކީ ސާބިއާގެ ފޯވާޑް ލޫކާ ޖޮވިޗް އާއި އެޑާ މިލިޓާއޯ އަދި ރޮޑްރީގޯ ގޮއެސް އެވެ. މީގެއިތުރުން، އޮލިމްޕިކް ލިޔޯން އަށް ކުޅެމުން އަންނަ ފްރާންސްގެ ވާތުބެކް ފޭލަން މެންޑީ ވަރަށް އަވަހަށް އެ ޓީމަށް ސޮއިކުރާނެއެވެ.