މިއަދުގެ ހުކުރު ނަމާދަށް ހުއްޓައި، މިސްކިތަށް ވެއްޓިގެން ނައިބު ރައީސް ފައިސަލް ނަސީމުގެ އެހީތެރިކަމާއިއެކު ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެއެވެ.
ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނީ ސ. ހިތަދޫ މޫންލައިޓްވިލާ، އުމުރުން 44 އަހަރުގެ އަޝްރަފް ސައީދެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާ ނަމާދަށް ހުއްޓައި މިސްކިތަށް ވެއްޓުނީ ބޯއަނބުރައިގަނެގެންނެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި އިތުރަށް ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދު ހުކުރު ނަމާދު ނިމެން ކައިރިވެފައި ވަނިކޮށް އެމީހާ ވެއްޓުމުން އޭނާއަށް އެހީތެރިވީ ނައިބު ރައީސް ފައިސަލް އާއި އޭނާގެ ބޮޑީ ގާޑުންއެވެ. އެގޮތުން އެމީހާ ހޮސްޕިޓަކަށް ފޮނުވާލީ ވެސް ހިލާލީގޭގައި އޮތް ނައިބު ރައީސްގެ ރަސްމީ ކާރުކޮޅުގައި އެމަނިކުފާނުގެ ބޮޑީގާޑުންނާ ވެސް އެކުއެވެ.