ދެހާސް ދިހަ ވަނަ އަހަރު އެޕަލްގެ ސީއީއޯ ސްޓީވް ޖޮބްސް އައިޕެޑް ތައާރަފްކުރުމާއެކު ގިނަ ބަޔަކު ހީކޮށްގެން ތިބީ ލެޕްޓޮޕް އަދި ޑެސްކްޓޮޕްގެ ބޭނުން ދެން ނެތުނީކަމަށެވެ. އޭރު ކަންދިމާވީ އެގޮތަކަށް ނޫނެވެ.
ނަމަވެސް، މިއަދު މިހާރު މިވަނީ އޭގެ ނުވަ އަހަރުފަހުން، ވޯލްޑްވައިޑް ޑިވެލޮޕާ ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2019 ގައި އެޕަލް އިން އައިޕެޑްއޯއެސްގެ ނަމުން ނަންދީފައިވާ މުޅީން އާ ކަސްޓަމައިޒް އޮޕަރޭޓިންގ ސިސްޓަމެއް ތައާރަފްކުރުމާއެކު އެ ކުންފުނީގެ ޓެބްލެޓްތަކުގެ މަގްބޫލްކަން އިތުރުވެ، މަންޒަރު ބަދަލުވެފައެވެ.
މީގެކުރީން، ނެރެމުން އައި އެޕަލްގެ އައިޕެޑްއާ އައިފޯންގައި ހިމަނާފައި ހުންނަނީ ދާދި އެއް ކަހަލަ ފީޗާސްތަކެކެވެ. ނޫންނަމަ، އައިޕެޑްގައި ހިމަނާ ކޮންމެ އާ ފީޗަރ ދެން ޖެހިގެން އެންމެ އަވަހަށް ނެރޭ އައިފޯންގައިވެއެވެ. އޭރު، އައިފޯންއާ އައިޕެޑްގައި ބޭނުންކުރަމުން އައީ އެއް އޮޕަރޭޓިންގ ސިސްޓަމެއްގެ އިތުރުން ސްމާޓްފޯނަށް ހާއްސަ ސޮފްޓްވެއާއެވެ. ނަމަވެސް، މިހާރު މިވަނީ އައިޕެޑަށް ހާއްސަކޮށް އައިޕެޑްއޯއެސްގެ ނަން ދީފައިވާ އޮޕަރޭޓިންގ ސިސްޓަމާއެކު ހުރިހާ ކަމެއް ބަދަލުވެފައެވެ.
އެގޮތުން، އާ އޮޕަރޭޓިންގ ސިސްޓަމާއެކު ކުރިއަށް އޮތް ތާނގާއި އައިޕެޑްގެ ފެންވަރު ރަނގަޅުވެ، މިހާރަށްވުރެ އަވަހަށް އާ ފީޗާސްތަކާއި ގިނަ ބަދަލުތައް އަންނާނެއެވެ. އެއާއެކު، އާއްމުންގެ މެދުގައި މަގްބޫލްކަން އިތުރުވެ، އިތުބާރު ބޮޑުވެ ދެން ނެރޭ އޯއެސްގެ އައު ކޮންމެ ވާޝަންއަކާއެކު ލެޕްޓޮޕްތަކާއި ޑެސްކްޓޮޕް ޕީސީތަކުގެ ބަދަލުގައި އައިޕެޑް ބޭނުންކުރަން ފަށާނެކަން ޔަގީނެވެ.
މިފަހަރުގެ އައު އޯއެސްއާއެކު އައިޕެޑްގައި ސްޕްލިޓްވިއު ފީޗާސް ތައާރަފްކޮށްފައިވާއިރު، މިއާއެކު އެއްފަހަރާ ސްކްރީންގެ ދެފަރާތުން ދެ ވިންޑޯ ހުޅުވައިގެން ބެލޭނެއެވެ. މީގެކުރީން، މެކްއޯއެސްގައި މިއާ އެއްކަހަލަ ފީޗާ އެއް ހިމަނާފައިވީނަމަވެސް އައިޕެޑްގައި މިކަމަކީ ކުރެވޭ ކަމެއްނޫނެވެ. މީގެއިތުރުން، ސްލައިޑްއޯވާ ސަޕޯޓަށްވަނީ ކުރިއަށްވުރެ ފުރިހަމަކަމެއް ގެނެސްފައެވެ.
އިތުރު ފީޗާސްތަކުގެ ތެރޭގައި، އައިޕެޑްގެ ޔޫއެސްބީ-ސީ ޕޯޓް މެދުވެރިކޮށް، ފައިލްސްއެޕް ބޭނުންކޮށްގެން ފްލޭޝް ޑްރައިވްގެ އިތުރުން ހާޑް ޑިސްކްގައި ހުންނަ ފައިލް ކޮޕީ ކޮށް އިމްޕޯޓްކުރެވޭނެއެވެ. އިންޓަނެޓް ބްރައުޒް ކުރުމަށް ބޭނުންކުރަމުން އަންނަ ސަފާރީ ބްރައުޒާ އަށް ވަނީ ކުރިއަށްވުރެ ފުރިހަމަކަމެއް ގެނެސްފައެވެ.
މީގެއިތުރުން، މަލްޓި ޓަޗް ފީޗާއާއެކު ކުރިއަށްވުރެ ލުއިފަސޭހަ ގިނަ ގޮތްތަކެއް އިނގިލިތައް ސްކްރީން މަތީގައި ހިންގާލާ ގޮތަކުން، ޓެކްސްޓް އެޑިޓިންގައި، ޑޮކިއުމެންޓް ލިޔަމުންދާއިރު، ކަޓް، ކޮޕީ، ޕޭސްޓް އާއި އަންޑޫ އަދި ރިޑޫ ކުރުމަށް މިހާރު މާ ފަސޭހަވާނެއެވެ. އަދި، އެޕަލް ޕެންސިލް ބޭނުންކުރާނަމަ، ސްކްރީންގެ މަތީކަނުން ފެށިގެން ތިރިއަށް ސްވައިޕްކޮށްލުމުން، އައު މާކްއަޕް މޯޑް އެކްޓިވޭޓްކުރެވޭނެއެވެ. އެއާއެކު، ސްކްރީން ޝޮޓެއްނުނަގައި ކޮންޓްރޯލް އަށް އެކްސެސް ވެވޭނެއެވެ.
މި ހުރިހާ އާ ފީޗާސްތަކާއެކު އައިޕެޑް ބޭނުންކޮށްގެން މަސައްކަތްކުރުމަށް ކުރިއަށްވުރެ އަވަސްވެ، ފަސޭހަވެގެންދިއުމުން ކުރިއަށް އޮތް ތާނގާއި ލެޕްޓޮޕްތަކާއި ޑެސްކްޓޮޕްގެ ބަދަލުގައި އެޕަލްގެ ޓެބްލެޓްތަކާއި ދިމާއަށް އާއްމުން މިސްރާބުޖެހުން އެކަށީގެންވެއެވެ.