ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ މެންޗެސްޓާ ސިޓީން ހިލާފުވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ނުބެލުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޮރ ސްޕޯޓް (ސީއޭއެސް) ގައި އެ ކްލަބުން އެދިއްޖެއެވެ.
ސިޓީން ގަވާއިދާ ހިލާފަށް ޓީމަށް ހަރަދުކޮށްފައިވާކަމަށް ބުނެ، ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކެއްގެ ސަބަބުން ޔުއެފާ އިން ވަނީ މިދިޔަ މާރިޗް މަހުގައި ސިޓީގެ މައްސަލަ ވަރަށް ވަރުގަދަ އަށް ބަލަންފަށައިފައެވެ.
އެގޮތުން، ކްލަބްގެ ދަރަނިތައް ފޮރުވުމަށާއި ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދައި، އެ ފައިސާ ކުޅުންތެރިން ގަންނަން ސިޓީން ހަރަދުކުރާކަމަށް ލީކުވި ލިޔެކިއުންތަކުން އެނގެއެވެ.
މިކަމާއި ގުޅިގެން ޔުއެފާ އިން ވަނީ ޗެމްބާސް އޮފް ދަ ފައިނޭންޝިއަލް ކޮންޓްރޯލް އޮފް ކްލަބްސް (އައިސީއެފްސީ) ގައި އެ ކްލަބުގެ މައްސަލަ ވަރަށް ރަނގަޅަށް ބެލުމަށް މިދިޔަ މެއި މަހުގައި އެދިފައެވެ. މި މައްސަލައިގައި ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ލަފާދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސިޓީން ވަނީ މިދިޔަ މެއި މަހުގައި މިހުރިހާ ކަމަކަށް އިޝާރާތްކޮށް ރަސްމީ ބަޔާނެއް ނެރެފައެވެ. އެގޮތުން، އެ ކްލަބުން ނެރުނު ބަޔާނުގައިވާގޮތުގައި އެ ކްލަބަކީ ޔުއެފާގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ކްލަބެއްކަމަށާއި އެ މައްސަލަތަކުގެ އެއްވެސް ހަގީގަތެއް ނެތްކަމަށާއި އެގޮތުން އެކަންތައް ނިމިގެންދާނީ ސިޓީއާ އެއްކޮޅަށްކަމަށްވެއެވެ.
އެފްއެފްޕީއާ ހިލާފުވެގެން ޔުއެފާ އިން ވަނީ 2014 ވަނަ އަހަރު ވެސް ސިޓީ އަށް އަދަބުދީފަ އެވެ. އެ ފަހަރު ސިޓީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހަދާފައިވާތީ އެވެ. އޭގެއިތުރުން، އަދަބެއްގެ ގޮތުން އެ ފަހަރު ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު ވެސް މަދުކުރި އެވެ.