ހުޅުމާލޭގައި ދެކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ވީޑިއޯގައި އެއްބަސްވި މީހާ ކޯޓުން ދޫކޮށްލައިފިއެވެ.
މެއި މަހުގެ 25 ވަނަ ދުވަހުގެ ރޭގައި 19 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ 6 އަހަރުގެ ފިރިހެން ކުއްޖަކާއި، 8 އަހަރުގެ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ.
މެއި 26 ވަނަ ދުވަހު އެ މީހާގެ މައްޗަށް ތަހުގީގު ހިންގުމަށް ބަންދުގައި ބަހައްޓަން 12 ދުވަސް ކްރިމިނަލް ކޯޓުންވަނީ ޖަހާދީފައިވެއެވެ. ނަމަވެސް މިއަދު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި އެކަމުގައި އިޖުރާއީ އެއްވެސް މައްސަަލައެއް ދިމާވެފައިނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ކުޑަ ދެ ކުދިންނާއި ޖިންސީ ގޯނާ ކުރިކަމަށް 19 އަހަރުގެ ފިރިހެން މީހާ ވަނީ ވީޑިއޯއެއްގައި އިއުތިރާފުވެފައެވެ. އެ މައްސަލައިގައި ހުޅުމާލޭގެ ބަޔަކު ނިކުމެ ވަނީ އޭނާ ގަންހިނގުވާފައެވެ.