މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 3 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅިގެން ހައްޔަރުކުތި 25 އަހަރުގެ ފިރިހެން މީހާ އެ ތަކެއްޗާއި ހަވާލުވެއްޖެއެވެ.
ތިންވަނަ ފަހަރަށް ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ މަންމައާއި، 25 އަހަރުގެ ދަރިފުޅު ހައްޔަރުކޮށް މުއްދަތު ޖެހުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ފިރިހެން މީހާގެ މުއްދަތަށް ވަނީ 10 ދުވަސް ޖަހާދީފައެވެ. އަދި ޝަރުތުތަކަކާއިއެކު މަންމަ ވަނީ ދޫކޮށްލާފައެވެ. މިއަދުގެ އަޑުއެހުމުގައި ފިރިހެން މީހާގެ މުއްދަތަށް 15 ދުވަސްޖެހުމުން، އެ ކޮޓަރީގައި ހުރި މަސްތުވާ ތަކެއްޗަކީ އޭނާގެ ތަކެތިކަމަށް އެއްބަސްވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ގޮތުން އިތުރު ފުރުސަތަކަށް އެދުމަށްފަހު އެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތިކަމަށް އެއްބަސްވެފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި މަންމައަށް އެއާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެކަމަށް ބުނެފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލައިގައި އެ މީހުން ހައްޔަރުކުރި މިއީ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުޅުމާލޭ ކޯޓުން އަމުރު ނެރެގެން ބަލާ ފާސްކޮށްފައިވާއިރު، އެ އަމުރުގައި ފަނޑިޔާރުގެ ނަމާއި ތައްގަނޑު ނެތްކަމަށްބުނެ ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލާފައެވެ. ދެވަނަ ފަހަރަށް ހުޅުމާލޭ ކޯޓުން އަމުރެއް ހޯދުމަށްފަހު އެ ދެ މީހުން ހައްުޔަރުކޮށް ހަމަ އެ ކޯޓަށް މުއްދަތު ޖެހުމަށް ގެންދިޔުމުން، އިޖުރާއަތްތަކާއި ފުލުހުން ޚިލާފުވެފައިވާކަމަށް ބުނެ ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ.
މައްސަލައާއި ގުޅިގެން ފުލުހުން ހާމަކުރި ބައެއް މައުލޫމާތުތަކާއި ގުޅިގެން، ކްރިމިނަލް ކޯޓުންވަނީ ރޭގެ ވަގުތެއްގައި ބަޔާނެއް ނެރެފައެވެ. އަދި ފުލުހުން އަމަލުކުރަމުންދަނީ ޖިނާއީ އަދުލުގެ ތަރުތީބުތަކާއި މުޅިން ޚިލާފަށްކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ޕީޖީ އޮފީހުގެ ވަކީލާއެއްގެ މަންމައާއި ކޮއްކޮ ކަމަށްވެސް ވަނީ އަޑުތަކެއް ފެތުރިފައެވެ. އަދި ވަކީލާގެ ފިރިމީހާ މިވަގުތުވެސް އޮތީ ޑްރަގް ޓްރެފިކިންގް މައްސަލައެއްގައި ލަންކާގެ ޖަލެއްގައިކަމަށްވެސް މައުލޫމާތުލިބެއެވެ.