ދެއްކުންތެރިކަމުގެ ނިޔަތުގައި ކަންކަން ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ބޭރުފުށުން ހިތްހެޔޮ މީހެއްގެ ގޮތުގައި ދައްކާ މީހުން އުޅެއެވެ. އަދި އަޅުކަމުގައިވެސް ދެއްކުންތެރިކަން އިސްކުރާ މީހުން އުޅެއެވެ. ދެއްކުންތެރިކަމަކީ މާތްﷲ އެންމެ ބޮޑަށް ނަފްރަތުކުރައްވާ އެއް ސިފައެވެ.
މާތްﷲ ވަނީ ދެއްކުންތެރިންނަށް ދުނިޔެމަތީގައްޔާއި އާހިރަތުގައި ހުރި އުޤޫބާތް ގަދަފަދަވެގެންވާ ކަމުގައި ވަހީކުރައްވާފައެެވެ.
ދުނިޔޭގައި ދެއްކުންތެރިޔާއަށް ހުރި އުޤޫބާތް
ދުނިޔެމަތީގައި ދެއްކުންތެރިންނަށް ހުރި އުޤޫބާތަކީ އެފަދަ މީހުން ފަލީހަތްކުރެއްވުމާއި އެމީހުން ކުރާ ކަންކަން ފާޅުކުރެއްވުމެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((مَنْ يُسَمِّعْ يُسَمِّعِ اللهُ بِهِ، وَمَنْ يُرَائِي يُرَائِي اللهُ بِهِ)) [رواه مسلم]
މާނައީ: “މީހުންނަށް އިއްވުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް އިއްވަވާނެއެވެ. އަދި މީހުންނަށް ދެއްކުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް ދައްކަވާނެއެވެ.”
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
(( الْمُتَشَبِّعُ بِمَا لَمْ يُعْطَ كَلاَبِسِ ثَوْبَىْ زُورٍ)) [رواه البخاري]
މާނައީ: “އެމީހަކަށް ދެއްވިގެން ނުވާ އެއްޗެއް، އެއެއްޗެއް ލިބިގެން އުޅޭމީހެއްފަދައިން ދައްކާމީހަކީ، އޮޅުވާލުމުގެ ދެ ފޭރާމެއްލައިގެން އުޅޭފަދަ މީހެކެވެ"
ދެއްކުންތެރިޔާއަށް އުހުރަވީ ހަޔާތުގައި ލިބޭނެ އުޤޫބާތް
ދެއްކުންތެރިޔާއަށް ޤިޔާމަތް ދުވަހު އޮތް އުގޫބާތަކީ ނަރަކައިގެ ވޭންދެނިވި އަޒާބެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾
މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނައެވެ!) އެއުރެންގެ ޢަމަލުތައް ތިމަންއިލާހު އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ. [15] އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެންވެތެވެ. [16] "
އެހެންކަމުން ދުނިޔެމަތީގައި އަޅުގަނޑުމެން އުޅޭއިރު ސާފު ހިތަކައިގެން ދެއްކުންތެރިކަމުގެ ޒައްރެއްވެސް ނުހިމެނޭހެން ކަންކަން ކުރަން އެބަޖެއެވެ. ކާމިޔާބާއި ފަލާހް ލިބިގެންވަނީ އޭރުންނެވެ