ޖަމާއަތުގައި މަގްރިބު ނަމާދު ކޮށް ނިންމާފައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ތަގްރީރު އައްސަވާފައި އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ޖަލްސާގެ ވަގުތާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން، މިނިސްޓަރ މަހުލޫފު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ، ޖަމާއަތުގައި މަގްރިބު ނަމާދު ކޮށް ނިންމާފައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ތަގްރީރު އައްސަވާފައި އިޝާ ނަމާދަށް ޖަމާއަތަށް ވަޑައިގެންނެވޭނެ ކަމަށާއި، އަދި ނިމިދިޔަ 18 ވަނަ މަޖިލީހުގައި ބައެއް ދުވަސްތަކުގައި ހެނދުނު ޖަލްސާ ފަށައި ގޮތަށް ދަންވަރުވެސް ނިންމާލާފައި އެބަހުރި ކަމަށެވެ.
ހޮނިހިރު ދުވަހުގެ ޖަލްސާގެ ވަގުތާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ މަޣްރިބު ނަމާދާއި އިޝާނަމާދާ (ދެ ނަމާދު ދޭތެރެ) ދޭތެރެއަށް ވާގޮތަށް އެޖެންޑާ ކުރުމުގެ މަޖުބޫރު ކަމަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މިއީ މަޖިލީހުގެ ރައީސް، ދީނާއި ސިޔާސަތު ވަކިކުރުމުގެ ސިޔާސަތެއް ގެންގުޅުވާ ކަމުގެ އިޝާރަތެއްގެ ގޮތުގައި ޝިޔާމު ސިފަކުރެއްވިއެވެ.
މަޖިލީހުގެ ޖަލްސާ ބާއްވައި ވަގުތާއި ދޭތެރޭ އިދިކޮޅު ކޯލިޝަންގެ މެމްބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.