އެކުވެރިކަމުގެ މެޗެއްގައި ގަތަރާއި ދެކޮޅަށް ބްރެޒިލް ކުޅެ 2-0 އިން މޮޅުވިއިރު އެ މެޗުގެ ކުރީކޮޅު ލިބުނު އަނިޔާއަކާއި ގުޅިގެން އެ ޓީމުގެ ތަރި ނޭމާ އަށް ކޮޕާ އެމެރިކާގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
އޭޝިއާގެ ޗެމްޕިއަން ގަތަރާ ދެކޮޅަށް ބްރެޒިލް ރޭ ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި ނޭމާގެ ކަނާތުފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާއި ގުޅިގެން ބަދަލުކުރިއިރު، މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް، ފުރަތަމަ ހާފުގައި ޖަހައިދިނީ ރިޗާލިސަން އާއި ގެބްރިއެލް ޖެސޫސް އެވެ.
އަނިޔާގެ ސަބަބުން މިދިޔަ ދެ ސީޒަނުގައި ވެސް ނޭމާ އަށް ވަނީ ޕީއެސްޖީގެ މުހިއްމު މެޗުތަކެއް ގެއްލިފައެވެ. އެގޮތުން، ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޕީއެސްޖީ ކުޅުނު ދެ މެޗުވެސް އަނިޔާގެ ސަބަބުން ގެއްލިފައިވާއިރު މިދިޔަ އަހަރު ލިބުނު އަނިޔާއިން ރަނގަޅުވެ ނޭމާ ފިޓްވީ ވޯލްޑްކަޕް ފެށެން ވަރަށް ގާތްވެފައިވަނިކޮށެވެ.
ބްރެޒިލަށް މިހާތަނަށް ކުޅެދިން 97 މެޗުގައި 60 ގޯލް ކާމިޔާބުކޮށްފައިވާ، އުމުރުން 27 އަހަރުގެ ނޭމާގެ ބަދަލުގައި ބްރެޒިލްގެ ސްކޮޑަށް އިތުރު ކުޅުންތެރިއަކު އަދި ގެނެސްފައިނުވިނަމަވެސް، ވަރަށް އަވަހަށް ނަގާނެ ކުޅުންތެރިއެއް ނިންމާނެކަމަށް އެ ޓީމުގެ ކޯޗު ޓިޓޭ ވަނީ ބުނެފައެވެ. ނޭމާ ނެތުމުން 2007 ވަނަ އަހަރަށްފަހު ކޮޕާ އެމެރިކާ ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާ ބްރެޒިލަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ބްރެޒިލްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން 8 ފަހަރު ހޯދާފައިވާއިރު، މި ފަހަރު ބްރެޒިލް ހިމެނިފައިވަނީ ބޮލީވިއާ، ވެނެޒުއާލާ އަދި ޕެރޫއާއެކު ގްރޫޕް އޭ ގައެވެ.