ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގަ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުން، ދެފަހަރު މަތިން ދޫކޮށްލަން ޖެހުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލައި، ފުލުހުންގެ ފަރާތުން ކަމެއް ރަނގަޅު ކުރަން ޖެހިފައިވާނަމަ އެކަން ރަނގަޅު ކުރާނެ ކަމަށާއި، އަދި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ފުލުހުން ގާނޫނުގެ ތެރެއިން ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން އަރުވަން،" ހަމީދު ވިދާޅުވެފައިވެއެވެ.
ރޭގެ ވަގުތެއްގައި އެ ދެ މީހުން ތިންވަނަ ފަހަރަށް ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެެ.