ޓްރެވަލް ޓްރޭޑް މޯލްޑިިވްސް (ޓީޓީއެމް) 2019 ގެ ޓައިޓަލް ސްޕޮންސަރ ގޮތުގައި އުރިދޫ މޯލްޑިވްސް އިން، އޯކާ މީޑިއާ ގްރޫޕާއި ޕާޓްނަރކޮށްފިއެވެ.
ޓީޓީއެމް އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަޤްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާއިއެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށްދޭ، ކޮންމެހެންވެސް ބައިވެރިވުން މުހިއްމު ބީ.ޓު.ބީ އިވެންޓެކެވެ. ހަމައެހެންމެ، ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް އަށް އަމާޒުކޮށް ބޭއްވިގެންދާ މިއަހަރުގެ ޓީޓީއެމް ސަމިޓު އަލިއަޅުވާލާދޭނީ ފަތުރުވެރިކަމުގެ ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިންގ، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތަށް ކުރިއެރުވޭނެ ގޮތްތަކަށެވެ.
"ޓީޓީއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން. ޑިިޖިޓަލް ދިވެހި ރާއްޖެ އަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީ ތަކުގެ އެހީގައި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަނީ ވަރަށް ބޮޑަށް ގުޅިފައި ވުމާއިއެކު، އޯކާ މީޑިއާ ގްރޫޕާއިއެކު ޕާޓްނާކޮށް، ޓީޓީއެމް އަށް އުރީދޫ އިން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ، އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އޯކާމީޑިއާ ގްރޫޕްގެ ސީއީއޯ،ޑރ. ހުސެން ސަނީ އުމަރު ވިދާޅުވީ އުރީދޫ އަކީ ގައުމީ ފުދުންތެރިކަމާއި، ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަމަށެވެ.
"ޤައުމުގެ އިޤްތިޞާދީ އަމާޒުތަކާއި، ފުއްދުންތެރިކަން އިތުރުކުރުމުގައި އުރީދޫއަކީ އަބަދުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ، އުފެއްދުންތެރި ބްރޭންޑެއް. އަދި އަޅުގަނޑުމެންނެކޭ އެއްފަދައިން، 2025ގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެއުުމަށް ޓުއަރިޒަމްގެ ޞިނާޢަތަށް އެކިގޮތްގޮތުން އެއްބާރުލުން ދެމުންދާ ކުންފުންޏެއް. މިގޮތުން، ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ ކުރިއަށް ގެންދިއުމުގައި ބައިވެރިވުމަކީ، މިއަމާޒާއި ހަމައަށް ވާޞިލްވުމަށްޓަކައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ މުހިއްމު އެހީތެރިކަމެއް." އޯކާމީޑިއާ ގްރޫޕްގެ ސީއީއޯ،ޑރ. ހުސެން ސަނީ އުމަރު ވިދާޅުވިއެވެ.
މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ފެއާގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 300 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.