ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބޮއިކޮޓް ކުރާނެ ކަމަށް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް(ޓޮމް) ވިދާޅުވެއްޖެއެވެ.
މިއަންނަ ހޮނިހިރު ދުވަހު މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާ ޖަލްސާ އާއި ބެހޭގޮތުން، ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސްއެއްގައި އެބޭފުޅާ ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ފެންނަތޯ ބަލަން ނެގި ވޯޓްގައިވެސް އެބޭފުޅާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.
ޓޮމް އިތުރަށް ވިދާޅުވެފައިވަނީ، އިންޑިއާގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ދުއްތުރާތަކަށް އިހްތިޖާޖު ކުރެއްވުމުގެ ގޮތުން، ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގްރީރު ކުރެއްވުމުގެ ކުރިން މަޖިލީހުގެ ޖަލްސާ ދޫކޮށް ނިކުމެވަޑައިގަންނަވާނެ ކަމަށެވެ.
ޓޮމް ވަނީ، ބޮޑުވަޒީރު މޯދީ ތަގުރީރު ކުރެއްވުމަށް ބާއްވާ މަޖިލިސް ޖަލްސާގެ ވަގުތު މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ދެމެދުގެ ވަގުތަކަށް ދީމާވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.
"ދީނާއި ސިޔާސަތު ވަކިކުރާ ސެކިއުލާ ވިސްނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ރާއްޖެ، ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރެއަށް ހަމަޖެއްސުން." ޓޮމް ވިދާޅުވެފައިވެއެވެ.
"ތުރުކީގެ ކުރީގެ ރައީސް އަތާތުރުކް ގެނައި ފަދަ ބަދަލުތަކެއް ދިވެހިރާއްޖެ އަށް ގެންނަތަން ބަލަން ތިބެންވީތޯ؟" ޓޮމް ސުވާލު ކުރެއްވިއެވެ.
މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހު އިރުއޮއްސި 18:45 ގައެވެ.